ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑް ކަޕް ކާމިޔާބުކުރުން ނޫން ކަމަކަށް ސަމާލުކަމެއް ނެތް: މާޓިނޭޒް

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ގްރޫޕް ކޭގައި މިރޭ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއާ ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު، އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ވިސްނުމެއް ނެތް ކަމަށާއި، ހަމައެކަނި އަމާޒަކީ މުބާރާތުގެ ތަށި ހޯދުން ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޓިނޭޒް ބުނީ، މި ވަގުތު އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ މީގެ ތިން އަހަރާއި ބައި ކުރިން ފެށި މަސައްކަތް ކާމިޔާބީއާ ހަމައަށް ގެންދިއުމަށް ކަމަށެވެ.

މުސްތަގުބަލާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ އައު ވާހަކަތަކެއް ނޫންކަން ފާހަގަކުރަމުން މާޓިނޭޒް ބުނީ، ޕޯޗުގަލްގައި މި ވާހަކަ ވަރަށް ގިނައިން ދެކެވޭ ކަމަށެވެ. ނަމަވެސް މި ވަގުތު އެންމެ މުހިންމު ކަމަކީ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފޯކަސް ބެހެއްޓުން ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، މުބާރާތުގެ ކުރިން ނައިޖީރިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އަނިޔާވި މުހިންމު ޑިފެންޑަރު ރުބެން ޑިއާސް މިރޭގެ މެޗުގައި ނުކުޅޭނެކަން ކޯޗު ވަނީ ކަށަވަރުކޮށްދީފައެވެ.

ޑިއާސްގެ އަނިޔާއާ ގުޅޭގޮތުން މާޓިނޭޒް ބުނީ، ވޯލްޑް ކަޕް ފަދަ މުބާރާތެއްގައި ކުޅުންތެރިއަކު ބޭނުންކުރެވޭނީ ސިއްހީ ގޮތުން ސަތޭކަ ޕަސެންޓް ފިޓްވެގެން ކަމަށެވެ. އަދި މުބާރާތުގެ މި މަރުހަލާގައި އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާތީ، ޑިއާސްއާ މެދު އަމަލުކުރާނީ ވަރަށް ބަލައިގެން ކަމަށް އޭނާ ހާމަކުރިއެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ހަވަނަ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާއިރު، އޭނާގެ ކިބައިން ފެންނަނީ އަލަށް ވޯލްޑް ކަޕެއްގައި ކުޅޭ ކުޅުންތެރިއެއްގެ ކިބައިން ފެންނާނެ ފަދަ ފޯރިއަކާއި ޖޯޝެއް ކަމަށް މާޓިނޭޒް ބުންޏެވެ. ރޮނާލްޑޯއަކީ މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާއަށްވެސް ނަމޫނާ ޝަރަފުވެރި ކުޅުންތެރިއެއްކަން ފާހަގަކުރަމުން ކޯޗު ބުނީ، އޭނާއަކީ ޓީމުގެ އެހެން ކުޅުންތެރިންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެއް ކަމަށެވެ.

މިރޭގެ މެޗުގައި ވާދަކުރާ ކޮންގޯއަކީ ފިޒިކަލީ ވަރުގަދަ އަދި ކައުންޓާ އެޓޭކުތަކުގައި ހަލުވި ޓީމެއްކަމުން، އެ ޓީމާ ދެކޮޅަށް ކުޅުން ފަސޭހަނުވާނެ ކަމަށް މާޓިނޭޒް ބުންޏެވެ. އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އަތުން ކާބޯ ވާޑޭ އިން 0-0އިން އެއްވަރުކުރި މެޗަށް އިޝާރާތްކޮށް، މާޓިނޭޒް ބުނީ މި ފަހަރުގެ މުބާރާތުގައި އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫންކަން ސާބިތުވެފައިވާ ކަމަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު