ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެސީގެ މޮޅު ކުޅުމާ މެދު މިހާރު ހައިރާނެއް ނުވޭ: ސްކަލޯނީ

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ގްރޫޕް ޖޭގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ދެއްކި މޮޅު ކުޅުމާ މެދު މިހާރު ހައިރާން ނުވާ ކަމަށް އެ ގައުމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ކުޅުނު މި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސްކަލޯނީ ބުނީ، މެސީ އަކީ ވޭތުވެދިޔަ 20އަހަރު ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި، ފުޓްބޯޅައަށް ލޯބިކުރާ އެއްވެސް މީހަކަށް އޭނާގެ ހުނަރު ބަހުން ބަޔާންކޮށްދޭން އުނދަގޫވާނެ ކަމަށެވެ.

ސްކަލޯނީ ފާހަގަކުރި ގޮތުގައި، ހާއްސަކޮށް ފާއިތުވި ފަސް ވަރަކަށް އަހަރު ގައުމީ ޓީމުގައި މެސީ ދައްކަމުންދަނީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. އަދި އުމުރުން 38އަހަރުގައި ވެސް މެސީ މި މެޗުގައި ދެއްކި ކުޅުން ސިފަކޮށްދޭނެ ގޮތެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ސްކަލޯނީ ބުނީ މެސީ ބޭނުންވާ ދުވަހެއް ވަންދެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ދެމިހުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް ކަމަށެވެ.

މި މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ސްކަލޯނީ ބުނީ، ފުރަތަމަ ހާފުގައި އަލްޖީރިއާގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނުމުން އޭނާގެ ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް، އޮފްސައިޑް ލަނޑެއް ފިޔަވައި އިތުރު ނުރައްކާތެރި ފުރުސަތެއް އަލްޖީރިއާއަށް ތަނަވަސްނުކުރެވޭ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެއިތުރުން، ކޮންމެ ޓީމަކަށް ވެސް އާޖެންޓީނާ ބަލިކުރެވިދާނެކަން ކުޅުންތެރިން ގަބޫލުކުރާ ކަމަށާއި، އެންމެ ފަހުގެ ވޯލްޑް ކަޕްގައި ސައުދީ އަރަބިއާ އަތުން ބަލިވި ބަލިވުމާއި މިފަހަރުގެ މުބާރާތުގެ ހައިރާންކުރުވަނިވި ނަތީޖާތަކުން އެކަން އެނގޭ ކަމަށް ވެސް ސްކަލޯނީ ބުންޏެވެ.

އަލްޖީރިއާގެ ކޯޗު ވްލަޑްމިއަރ ޕެޓްކޮވިޗް ވެސް ވަނީ މެސީގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ މިއީ އާދައިގެ ކުޅުންތެރިއެއް ނޫން ކަމަށާއި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތެއް ނުވަތަ އަށް ފަހަރު ހޯދާފައިވާ ކުޅުންތެރިއެއް ކަމަށެވެ. މެސީއަށް އުނދަގޫ ފުރުސަތުތައް ވެސް ފަސޭހަކޮށްލާ ކަމަށާއި، މައްސަލައަކަށްވީ ފުރަތަމަ ދެ ލަނޑުގައި އޭނާގެ ކުޅުންތެރިންނަށް މެސީއަށް މާ ބޮޑަށް ހުސްޖާގަ ދެވުން ކަމަށް ޕެޓްކޮވިޗް އެއްބަސްވިއެވެ. އަދި މިއީ އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅެން ޖެހުނު ވަރަށް އުނދަގޫ މެޗެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު