ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސެނެގާލް މެޗުގެ ފުރަތަމަ ހާފުގައި ގިނަ ގޯސްތަކެއް ހެދުނު: ޑެޝޯމްޕް

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އައިގައި ސެނެގާލާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް ގިނަ ގޯސްތަކެއް ހެދިގެންދިޔަ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއަރ ޑެޝޯމްޕް އެއްބަސްވެއްޖެއެވެ.

މެޗަށް ފަހު ވާހަކަދައްކަމުން އޭނާ ބުނީ ފުރަތަމަ ހާފުގައި ފަރަންސޭސި ޓީމު ފެނުނީ އެއްވެސް ރޫހެއް ނެތި ކުޅުނުތަން ކަމަށާއި، ބައިކޮޅަށް ލަނޑެއް ނުވަދެ ހާފު ނިންމާލެވުނީ ހަމައެކަނި ނަސީބު ރަނގަޅުކަމުން ކަމަށެވެ.

މެޗުގެ ހާފް ޓައިމްގައި ކުޅުންތެރިންނާ ވާހަކަދެއްކި ގޮތް ހާމަކުރަމުން ޑޭޝޯމްޕް ބުނީ، އޭނާ ވާހަކަދެއްކީ ރުޅިއައިސްގެން ހަޅޭއްލަވައިގެން ނޫން ކަމަށާއި، ވަރަށް ހަމަޖެހިލައިގެން ހުރެ ހަގީގަތް ހާމަކޮށްދީގެން ކަމަށެވެ. އަދި ދެވަނަ ހާފުގައި ގެނައި ބަދަލުތަކާ މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ. މިގޮތުން ދެވަނަ ހާފުގައި ބްރެޑްލީ ބާކޯލާ ކުޅެން އަރުވައި، މައިކަލް އޮލީސޭ ޕްލޭމޭކަރެއްގެ ރޯލަށް ބަދަލުކުރިކަން ކޯޗު ފާހަގަކުރިއެވެ.

މީގެއިތުރުން، ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭއަށް ކޯޗު ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެމްބާޕޭއަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އޭނާ ދެއްކީ މޮޅު ކުޅުމެއް ކަމަށް ޑޭޝޯމްޕް ބުންޏެވެ. "އެމްބާޕޭއަކީ ޑިފެންސް ކުރަން އަރުވާފައި ހުރި ކުޅުންތެރިއެއް ނޫން"ކޯޗު ބުންޏެވެ. ފުރަތަމަ ހާފުގައި ދަނޑުމަތިން މާ ބޮޑަށް ފާހަގަނުވި ނަމަވެސް، ދެވަނަ ހާފުގައި އޭނާ ޖެހި ދެ ލަނޑާ އެކު ޓީމަށް އޭނާގެ ބޭނުން ފުރިހަމައަށް ހިފިފައިވާ ކަމަށް ޑޭޝޯމްޕް ބުންޏެވެ.

މި މެޗާ ބެހޭ ގޮތުން ސެނެގާލްގެ ކޯޗު ޕެޕޭ ތިއާއޮ ބުނީ، މެޗުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށެވެ. ފުރަތަމަ ހާފުގައި އެކެއް ނުވަތަ ދެ ލަނޑުގެ ލީޑެއް ނެގުމުގެ ފުރުސަތު ލިބި، އެ ހަމަލާތައް ލަނޑަށް ބަދަލުނުކުރެވުމުގެ ހިތާމަ އޭނާ ފާޅުކުރިއެވެ. އަދި ދެވަނަ ހާފުގައި ސެނެގާލަށް ހެދުނު ގޯސްތަކުގެ ފައިދާ ފްރާންސުން ހިފީ ކަމަށާއި، ފުރަތަމަ ލަނޑާއެކު ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުނުވީ އަމިއްލައަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށް ތިއާއޮ ބުންޏެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު