ތާރީޚީ މެޗަކަށް މިރޭ ފްރާންސާއި ސެނެގާލް ނިކުންނާނެއެވެ.
އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި މިރޭ 12ޖަހާއިރު ފަށާ މި މެޗަކީ 300 އަހަރުގެ ތާރީޚީ ގުޅުމެއް އޮތް މި ދެ ގައުމުގެ ދެވަނަ ބައްދަލުވުމެވެ. މީގެ ކުރިން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސެނެގާލުން ވަނީ އޭރުގެ ޗެމްޕިއަން ފްރާންސް 1-0އިން ބަލިކޮށް މުޅި ދުނިޔެ ސިއްސުވާލާފައެވެ. އެ މެޗުގައި ސެނެގާލްގެ ހަމައެކަނި ލަނޑު ޕާޕާ ބޫބާ ޑިއޮޕް ކާމިޔާބުކުރިއިރު، ސެނެގާލްގެ މިހާރުގެ ކޯޗު ޕާޕޭ ތިއޯ އޭރު އިނީ ބެންޗުގައެވެ. މި ފަހަރުގެ މެޗު ޚާއްސަވާ އަނެއް ސަބަބަކީ ސެނެގާލް ސްކޮޑުގައި ހިމެނޭ 10 ކުޅުންތެރިއަކީ ފްރާންސަށް އުފަން ކުޅުންތެރިންނަށް ވުމެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ އަމާޒަކީ އޭނާގެ 14 އަހަރުވީ ކާމިޔާބު ކޯޗިން ކެރިއަރު ރަންވަނައަކުން ނިންމާލުމެވެ. އަންނަ ޖުލައި މަހު އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު، ޒައިނުއްދީން ޒިދާން ހުރީ އެ މަގާމާ ހަވާލުވާން ތައްޔާރަށެވެ. 1998ގައި ކެޕްޓަނެއްގެ ގޮތުގައި އަދި 2018ގައި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ޑެޝޯމްޕްސް، ޖުލައި 19ގައި އީސްޓް ރަދަފޯޑްގައި ކުޅޭ ފައިނަލަށް ޓީމު ގެންގޮސްދީފި ނަމަ އެއީ ޖެހިޖެހިގެން އޭނާ ފައިނަލަށް ދާނެ ތިންވަނަ ފަހަރެވެ. އަދި މި މުބާރާތުގައި ތިން މެޗުން މޮޅުވެއްޖެ ނަމަ އޭނާ ވެގެންދާނީ 17 މެޗުން މޮޅުވެގެން ވޯލްޑް ކަޕް ތާރީޚުގައި އެންމެ ކާމިޔާބު ކޯޗަށެވެ. ޔޫރޯ 2024ގެ ސެމީ ފައިނަލުން ސްޕެއިން އަތުން ބަލިވި ނަމަވެސް، ފްރާންސް ވަނީ މި ފަހަރުގެ ކޮލިފައިންގައި އެންމެ ދެ ޕޮއިންޓް (އައިސްލޭންޑާ އެއްވަރުވެގެން) އުނިވެގެން މުބާރާތަށް ކޮލިފައިވެފައެވެ.
ފްރާންސްގެ ވަރުގަދަ އެޓޭކުގައި ހިމެނޭ ކީލިއަން އެމްބާޕޭ ވަނީ ރެއާލް މެޑްރިޑާއެކު އުނދަގޫ ސީޒަނެއް ހޭދަކުރި ނަމަވެސް ހުރިހާ މުބާރާތެއްގައި 42 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ވޯލްޑް ކަޕްގައި 12 ލަނޑު ޖަހާފައެވެ. އޮލިވިއޭ ޖިރޫގެ 57 ލަނޑުގެ ރެކޯޑާ ހަމަކުރަން ބޭނުންވަނީ އެންމެ ލަނޑެކެވެ. މީގެ އިތުރުން ބަޔާން މިއުނިކަށް 26 އެސިސްޓް ހަދައިދިން މައިކަލް އޮލީސޭ ވަނީ އައިވަރީ ކޯސްޓް އަތުން 2-1 އިން ބަލިވި މެޗަށް ފަހު، ނޮދަން އަޔަލޭންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ހެޓްރިކެއް ހަދާފައެވެ. އަދި ޕީއެސްޖީއަށް ކުޅޭ އޮސްމާން ޑެމްބެލޭގެ އިތުރުން ބްރެޑްލީ ބާކޯލާ އަދި ޑެސިރޭ ދޫއޭ ފަދަ ހުނަރުވެރި ކުޅުންތެރިން އެޓީމުގައި އެބަތިއްބެވެ. އަނިޔާގެ ސަބަބުން ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ޑިފެންޑަރު ވިލިއަމް ސަލީބާއާއި ޖޫލްސް ކޫންޑޭ ވަނީ ފުރިހަމައަށް ތަމްރީނުތަކުގައި ބައިވެރިވާން ފަށާފައެވެ.
އަނެއްކޮޅުން ސެނެގާލަކީ ފަސޭހަކޮށްލެވޭނެ ޓީމެއް ނޫނެވެ. މޮރޮކޯއާ ދެކޮޅަށް ކުޅުނު އެފްކޮން ފައިނަލްގެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން އަށް ހުށަހަޅައި އެ މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެފްރިކާގެ ފުޓްބޯޅަ އިދާރާއިން ވަނީ އެމީހުންގެ އަތުން ތަށި އަތުލާފައެވެ. އެ މެޗުގައި މޮރޮކޯއަށް ލިބުނު ޕެނަލްޓީއަކާ ގުޅިގެން ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބިއިރު، އިތުރު ވަގުތުގެ 24 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އޭގެ ފަހުން ޕާޕާ ގޭއި ޖެހި ލަނޑުން ސެނެގާލް މޮޅުވި ނަމަވެސް އެމީހުންގެ އަތުން ވަނީ ތަށި އަތުލާފައެވެ.
ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗުން މޮޅުވެ، ބަލިނުވެ ގްރޫޕްގެ އެއްވަނަ ހޯދި ސެނެގާލް ޓީމުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގަށް ކުޅޭ 20 ކުޅުންތެރިން ހިމެނެއެވެ. 2022 ގެ ވޯލްޑް ކަޕްގައި އިންގްލެންޑް އަތުން ބަލިވި ފަހުން އެޓީމު ވަނީ ބަލިނުވެ 30 މެޗު ހަމަކޮށްފައެވެ. އެކުވެރިކަމުގެ މެޗުތަކުގައި އެމެރިކާ އަތުން ބަލިވެ، ސައުދީ އަރަބިއްޔާއާ އެއްވަރުވި ނަމަވެސް، އެޓީމުގެ ވަރުގަދަ ސްކޮޑާއެކު ފްރާންސް، ނޯވޭ އަދި އިރާގު ހިމެނޭ ގްރޫޕުން ކުރިއަށްދާން އެމީހުން ބޭނުންވެއެވެ. 2022 ގެ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި ސާޑިއޯ މާނޭ މިހާރު ހުރީ ފިޓްކޮށެވެ. އަދި އެވަޓަންގެ މިޑްފީލްޑަރު އިދްރީސާ ގޭއި ވެސް މެޗަށް ތައްޔާރެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.