ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޒިދާންގެ ދަރިފުޅު ލޫކާ މާސްކް އަޅައިގެން ކުޅެން ޖެހުނު ސަބަބު

ޝެއާ ކުރޭ Facebook Telegram Viber X

މިފަހަރުގެ ވޯލްޑް ކަޕްގައި މިއަދު އަލްޖީރިއާއާއި އާޖެންޓީނާ ބައްދަލުކުރި ފޯރިގަދަ މެޗުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އަލްޖީރިއާގެ ގޯލްކީޕަރު ލޫކާ ޒިދާން އަޅައިގެން ހުރި މާސްކަށެވެ.

ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިފުޅު، އުމުރުން 28އަހަރުގެ ލޫކާ މި މެޗުގައި ފެނުނީ އަލްޖީރިއާގެ ގައުމީ ޓީމުގެ އެއްވަނަ ކީޕަރުގެ ގޮތުގައެވެ. އޭނާ މޫނުމަތީގައި އަޅައިގެން ހުރި މާސްކާ އެކު، ގިނަ ބައެއްގެ ހިތުގައި ވަނީ މިއީ ކީއްވެ ކުރި ކަމެއްތޯ ސުވާލު އުފެދިފައެވެ.

މިއީ ފެޝަނަކަށް ނުވަތަ ސިއްރުވެގެން ހުންނަން ލޫކާ އެޅި މާސްކެއް ނޫނެވެ. ސްޕެއިންގެ ގްރަނާޑާ ކްލަބަށް ކުޅެމުން އަންނަ މި ކީޕަރަށް މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އަލްމޭރިއާއާ ދެކޮޅަށް ކުޅުނު މެޗެއްގައި ވަނީ ނުރައްކާތެރި އަނިޔާއެއް ލިބިފައެވެ. އެ މެޗުގައި ހިނގި ކުރިމަތިލުމެއްގައި އޭނާގެ ދަތްދޮޅިއާއި މަތީ ދަތްޕިލަ ހިމެނޭ ކަށިގަނޑު ބިންދައިގެން ގޮސް، ސިކުނޑިއަށް ވެސް އަނިޔާވިއެވެ. އެހެންކަމުން، މި މާސްކަކީ ފަރުވާގެ މަރުހަލާގައި ހުރި އެ ސަރަހައްދަށް ދަނޑުމަތީގައި އިތުރު އަނިޔާއެއް ލިބުނަ ނުދީ ރައްކާތެރިކުރުމަށް އަޅަން މަޖުބޫރުވި އެއްޗެކެވެ.

މި ސީރިއަސް އަނިޔާގެ ސަބަބުން ސީޒަނުގެ ބާކީ ބައި ގެއްލި، ވޯލްޑް ކަޕުން ފުރުސަތު ނުލިބިދާނެ ކަމުގެ ބިރު އޮތް ނަމަވެސް، ލޫކާ އާއި އޭނާގެ މެޑިކަލް ޓީމުން ނިންމީ ވަގުތުން ސާޖަރީއެއް ހެދުމަށެވެ. އަދި އަލްޖީރިއާ ޓީމުން ޖާގަ ހޯދުމަށްޓަކައި މާސްކު އަޅައިގެން ކުޅެން އޭނާ ނިންމިއެވެ. މުބާރާތުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ލޫކާ ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

"އަހަރެންގެ ހާލު މިހާރު ރަނގަޅު، އެއްވެސް ތަދެއް ނުވޭ. ސާޖަރީ ވެސް ވަރަށް ކާމިޔާބު، މިހާރު ފަސް ހަފުތާ ވެއްޖެ. ދެ ހަފުތާ ކުރިން އަހަރެން ދަނޑަށް ނުކުމެ ފަރިތަކުރުންތައް ފަށައިފިން، އަދި މިކަމާ ވަރަށް އުފާވޭ" ލޫކާ ބުންޏެވެ.

ފްރާންސްގެ ލެޖެންޑް ޒިދާންގެ ދަރިއަކު އަލްޖީރިއާއަށް ކުޅެން ނިންމި ސަބަބަކީ ވެސް ގިނަ ބަޔަކު އޮޅުންފިލުވަން ބޭނުންވާ ކަމެކެވެ. ފްރާންސްގެ މާސޭއަށް 1998ގައި އުފަންވި ނަމަވެސް، ލޫކާ ބޮޑުވީ ސްޕޭންގެ މެޑްރިޑްގައެވެ. އެހެންކަމުން އޭނާއަށް ތިން ގައުމެއް ތަމްސީލުކުރުމުގެ ފުރުސަތު އޮތެވެ. އެއީ ބައްޕަގެ ގައުމު ފްރާންސާއި، ތަމްރީނުވީ ސްޕޭންގެ އިތުރުން އޭނާގެ ކާފަމެންގެ އުފަން ގައުމު ކަމަށްވާ އަލްޖީރިއާއެވެ. ލޫކާގެ އިތުރު ތިން އަޚުން ކަމަށްވާ އެންޒޯ، ތިއޯ އަދި އެލިޔާޒް ފްރާންސްއާއި ސްޕޭން އިޚްތިޔާރު ކުރިއިރު، ލޫކާ ވެސް ޒުވާން އުމުރުގައި ފްރާންސްގެ 17އަހަރުން ދަށުގެ ޓީމަށް ކުޅެ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިދިނެވެ.

ނަމަވެސް ބައްޕަގެ ހިޔަނިން ބޭރުވެ، އަމިއްލަ ވަކި އައިޑެންޓިޓީއެއް އުފެއްދުމަށް ލޫކާ ނިންމީ އަލްޖީރިއާއަށް ކުޅުމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަލްޖީރިއާގެ ރައްޔިތަކަށް ވުމުގެ ރަސްމީ ހުއްދަ ލިބުމަށް ފަހު، އޮކްޓޫބަރު 14، 2025ގައި ޔުގެންޑާއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުގައި އޭނާ ވަނީ އަލްޖީރިއާގެ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދީފައެވެ. އެ މެޗުން އަލްޖީރިއާ 2-1އިން މޮޅުވިއިރު، ކޯޗު ލަޑިމިއަރ ޕެޓްކޮވިޗްގެ އިރުޝާދުގެ ދަށުން ލޫކާ މިހާތަނަށް ވަނީ ހަތް މެޗު ކުޅެދީފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު