ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ ސްޕެއިންއާ ދެކޮޅަށް ކާބޯ ވާޑޭ އިން ކުޅުނު ތާރީހީ ފުރަތަމަ ވޯލްޑް ކަޕް މެޗު 0-0އިން އެއްވަރުކޮށް ސިއްސުވާލިއިރު، މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނީ އެ ގައުމުގެ ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނިއާ އަށެވެ.
އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވޮޒީނިއާ ވަނީ އުމުރުން 40އަހަރާއި 12ދުވަހުގައި ކުޅެގެން ހާއްސަ ރެކޯޑެއް ވެސް ހަދައިފައެވެ. އޭނާ ވެގެންގޮސްފައި ވަނީ ގައުމެއްގެ ފުރަތަމަ ވޯލްޑް ކަޕް މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑު އޮތީ ކުރަސޯގެ އެލޯއީ ރޫމްގެ އަތުގައެވެ.
މެޗަށް ފަހު އުފާވެރިކަމުގެ ކަރުނުން ދެ ލޯ ތެމުނު ވޮޒީނިއާ (ޖޮސިމާ ޑިއާސް)ވަނީ އޭނާ ބޮޑުކުރި މާމަ އާއި ކާފަގެ ހަނދާންތައް އާކޮށްފައެވެ. އޭނާ ބުނިގޮތުގައި މީގެ އަހަރުތަކެއް ކުރިން ނިޔާވި ކާފަ އާއި މާމަ އަކީ އޭނާގެ ދިރިއުޅުމުގެ ހުރިހާ އުންމީދެކެވެ. މީގެ އިތުރުން މަންމަގެ ވިސާ ކަންކަން ހަމަޖައްސަން ފައިސާ ނެތުމުން، މި ތާރީހީ ވަގުތުގައި މަންމަ ގާތުގައި ނެތުމުގެ ހިތާމަ ވެސް އޭނާ ހިއްސާކުރިއެވެ.
އަހަރެން ރޮވުނީ އަހަރެން ބޮޑުވީ މާމައާއި ކާފަގެ ގާތުގައި ކަމަށްވާތީ. ހިތާމައަކީ މިއަދު އެމީހުން ދުނިޔޭގައި ނެތުން.
މެޗަށް ފަހު ވޮޒީނިއާ ބުންޏެވެ.
އުމުރުން 25އަހަރުގައި 2012ވަނަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފެށި ވޮޒީނިއާ ބުނީ މިއީ ކީޕަރަކަށް ވަރަށް ލަސް އުމުރެއް ކަމަށެވެ. ގައުމީ ޓީމުން ވަކިވާން ވެސް ހިތަށް އެރި ނަމަވެސް، ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ކުރިއަށް ދިޔައީއެވެ. އެފްރިކާގެ ހުޅަނގު އައްސޭރިން 600ކިލޯމީޓަރު ދުރުގައި އޮންނަ، އެކަހެރި ޖަޒީރާ ގައުމެއް ކަމަށްވާ ކާބޯ ވާޑޭގެ މިންޑެލޯއަށް އުފަން ވޮޒީނިއާ ފުރުސަތުތައް ހޯދަން ފުރަތަމަ ބަދަލުވީ ޕޯޗުގަލްއަށެވެ. އޭގެ ފަހުން ސްލޮވާކިއާ، އެންގޯލާ، މޮލްޑޯވާ އަދި ސައިޕްރަސްގެ ކްލަބުތަކަށް ކުޅުމަށް ފަހު، މިހާރު އޭނާ ކުޅެމުންދަނީ ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ޗާވޭސް އަށެވެ.
ވޮޒީނިއާގެ ނަމަކީ ވެސް ފުޓްބޯޅައިގެ ތާރީހާ ގުޅިފައިވާ ނަމެކެވެ. އޭނާގެ ބައްޕަ ބޭނުންވީ އާޖެންޓީނާގެ ލެޖެންޑް ޖޯޖް ވަލްޑާނޯއަށް ނިސްބަތްކޮށް "ވަލްޑާނޯ"ކިޔާށެވެ. ނަމަވެސް ކޭޕް ވާޑޭގެ އިދާރާތަކުން އެކަމަށް ހުއްދަ ނުދިނުމުން، އޭނާއަށް "ޖޮސިމާ"ކިޔުނީ 1986ގެ ވޯލްޑް ކަޕްގައި ވިދާލި ބްރެޒިލްގެ ޑިފެންޑަރަށް ނިސްބަތްކޮށެވެ. މި މެޗުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު، ދަނޑުން ބޭރުގައި ވެސް އޭނާ ވަނީ ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ. އެގޮތުން އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު ވަނީ 50،000އިން 5މިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ.
އެންމެ ފަސްލައްކަ މީހުންގެ އާބާދީއެއް އޮތް، އަދި ވޯލްޑް ކަޕަށް ކޮލިފައިވި ތިންވަނައަށް އެންމެ ކުޑަ ގައުމު ކަމަށްވާ ކާބޯ ވާޑޭއިން ހޯދި މި ތާރީހީ ކާމިޔާބީގެ އެންމެ ބޮޑު ބަތޮލަކީ އުމުރުން 40އަހަރުގައި ހުވަފެން ހަގީގަތަކަށް ހެދި ވޮޒީނިއާއެވެ. އޭނާ ބުނި ގޮތުގައި މިއީ މުޅި ޓީމުގެ ބުރަ މަސައްކަތެވެ.
މި އެވޯޑަކީ އަހަރެންގެ ހުރިހާ އެކުވެރި ކުޅުންތެރިންގެ އެވޯޑެއް. އެމީހުންނާ ނުލައި އެއްވެސް ކަމެއް ނުކުރެވޭނެ.
އޭނާ ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.