ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދަތިކުރުންތަކުގެ ސަބަބުން މޮޅުކުޅުން ދައްކަން އުނދަގޫ: އީރާން

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގައި އީރާނަށް ކުރިމަތިވަމުންދާ ތަފާތު ދަތި،ހުރަސްތަކުގެ ސަބަބުން އެންމެ ފުރިހަމަ ކުޅުން ދެއްކުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ ގައުމުގެ ތަރި މެހްދީ ތަރޭމީ ބުނެފިއެވެ.

އޭނާ ބުނި ގޮތުގައި މިފަދަ ކަންކަމުގެ ސަބަބުން ފުޓްބޯޅައަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ތަރޭމީ ވަނީ އާދީއްތަ ދުވަހު ކަންތައްތައް ދިޔައީ ވަރަށް އަވަސް އަރުވާލައިގެންކަން ފާހަގަކޮށްފައެވެ. އެގޮތުން ޓިއުއާނާއިން ލޮސް އެންޖެލިސްއަށް ދަތުރުކުރުމަށް ފަހު، ހޮޓަލަށް ގޮސް ވަގުތުން ދަނޑުގެ ހާލަތު ބަލަން ދާންޖެހުނު ކަމަށް އޭނާ ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ލޮސް އެންޖެލިސްގެ މާހައުލަށް ހޭނުމަށް މަދުވެގެން ދެ ދުވަހުގެ ފުރުސަތު ޓީމަށް ލިބެންޖެހޭނެއެވެ. އަދި މިއަށް ވުރެ ބޮޑަށް ފީފާއިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިއީ އަހަރެމެންނަށް އެންމެ ރަނގަޅު ގޮތެއް ނޫން. އަދި ފުޓުބޯޅައަށް ވެސް މީގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އަހަރެން ދެކެން. އަހަރެން ގަބޫލުކުރާ ގޮތުގައި ފީފާއިން މިއަށް ވުރެ ބޮޑަށް އަހަރެމެންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ"

ތަރޭމީ މިހެން ބުނިއިރު، ހޯމަ ދުވަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އީރާން ޓީމުގެ ޗޭންޖިން ރޫމަށް ޒިޔާރަތްކުރެއްވިކަން ވެސް އޭނާ ހާމަކުރިއެވެ. މީގެ އިތުރުން އީރާންގެ ކޯޗު އާމިރު ގަލެނޮއީ ވެސް ވަނީ މި ހުރަސްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިފަދަ ހުރަސްތަކުގެ ސަބަބުން ޓީމަށް "ނުހައްގު އަނިޔާ" ލިބެމުންދާ ކަމަށާއި، މީގެ ސަބަބުން ކުޅުންތެރިންގެ ކުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

މުބާރާތުގެ ގްރޫޕް ޖީގައި ހިމެނޭ އީރާނުން އެންމެ ފަހުން ކުޅުނު މެޗުގައި ނިއުޒީލެންޑާ ބައްދަލުކޮށް ނިމުނީ 2-2އިން އެއްވަރުވެގެންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ބެލްޖިއަމްއާއި މިސްރު ބައްދަލުކުރި މެޗު ވެސް ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގައި އީރާނަށް ދެން އޮތީ ޖޫން 22 ވަނަ ދުވަހުގެ ރާއްޖެގަޑިން މެންދަމު 12:00ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު