ވޯލްޑް ކަޕް، ގްރޫޕް ޖީގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އީރާންގެ ގައުމީ ފުޓްބޯޅަ ޓީމު ވަގުތުން އެމެރިކާއިން ބޭރުވުމަށް އަމުރުކޮށްފިއެވެ.
އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މި މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނިއުޒީލެންޑުންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އެލައިޖާ ޖަސްޓް ކާމިޔާބުކޮށްދިން މި ލަނޑަށް ފަހު، 32ވަނަ މިނެޓުގައި ރާމީން ރެޒައީން ވަނީ އީރާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނެޓުގައި ޖަސްޓްގެ އިތުރު ލަނޑަކުން ނިއުޒީލެންޑުން ދެވަނަ ފަހަރަށް ލީޑު ނެގި ނަމަވެސް، އޭގެ 10މިނެޓު ފަހުން މުޙައްމަދު މުހެއްބީ ވަނީ އީރާނަށް އަލުން މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ސިޔާސީ ގޮތުން ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކުޅުނު މި މެޗަށް ފަހު، ކުޅުންތެރިންގެ ވަރުބަލިކަން ފިލުވުމަށް މިއަދު ކެލިފޯނިއާގައި މަޑުކުރަން ކުރިން ރާވާފައި އޮތް ނަމަވެސް، މެޗު ނިމުމާ އެކު ވަނީ ވަގުތުން ފުރައިގެން 140މޭލު ދުރުގައި އޮންނަ މެކްސިކޯގެ ޓިއުވާނާގައި ހުންނަ އެ ޓީމުގެ ތަމްރީނު ކޭމްޕަށް ދިއުމަށް އަމުރުކޮށްފައެވެ. މި އަމުރު ނެރުނީ ކޮން ފަރާތަކުން ކަމެއް އީރާނުގެ ކޯޗު އާމިރު ގަލެނޮއީ ހާމައެއް ނުކުރެއެވެ.
ތަރުޖަމާނެއްގެ އެހީގައި ވާހަކަދައްކަމުން ކޯޗު ގަލެނޮއީ ބުނީ، ކުޅުންތެރިންގެ ރިކަވަރީއަށް ވަގުތު ނުދީ ވަގުތުން ފުރަން އެންގުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން ޓީމުގެ ތަރި މެހްދީ ތާރޭމީ ބުނީ، ލޮސް އެންޖެލެސްއިން ވަގުތުން ފުރަން ޖެހުމަކީ ޓީމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި، ފީފާއިން މިއަށް ވުރެ ބޮޑަށް އެހީތެރިވާންޖެހޭ ކަމަށެވެ. އޭނާ ވަނީ މި ހާލަތަކީ ބޮޑު ކާރިސާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މިދިޔަ ފެބްރުއަރީ 28ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، އީރާން ޓީމުގެ ތައްޔާރީތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗު އެމެރިކާއިން ބޭރަށް ބަދަލުކުރަން އީރާނުން އެދުނު ނަމަވެސް ފީފާއިން އެކަން ގަބޫލެއް ނުކުރިއެވެ. މި ގްރޫޕްގައި ހިމެނޭ ބެލްޖިއަމް އާއި މިސްރު ރޭ ބައްދަލުކުރި މެޗު ވެސް ވަނީ 1-1އިން އެއްވަރުވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.