ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ވެސް އީރާނަށް ވުރެ ބޮޑަށް އިހާނެތިކޮށް ކަންތައްތައް ކުރެވުނު އެހެން ޓީމެއް ނޯންނާނެ ކަމަށް ބުނެ، އެ ޤައުމުގެ ގައުމީ ޓީމުގެ ކޯޗު އާމިރު ގަލެނޯއި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ގަލެނޯއި މިހެން ބުނީ ގްރޫޕް ޖީ ގައި ނިއުޒީލަންޑާ ވާދަކޮށް 2-2ލަނޑުން އެއްވަރުވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
އީރާން ޓީމުގެ އެއްވެސް ކަމެއް ނިންމުމުގެ ބާރު އެޓީމަށް ލިބިފައި ނުވާކަން ފާހަގަކުރަމުން ކޯޗު ބުނީ، ހުރިހާ ކަމެއް ވެސް ނިންމަނީ އެހެން ފަރާތްތަކުން ކަމަށެވެ. އެގޮތުން މެޗު ކުޅުނު ލޮސް އެންޖަލިސްއަށް މެޗުގެ ދެ ދުވަސް ކުރިން ދިއުމަށް ހުއްދަ ނުލިބުމާއި، މެޗަށް ފަހު އަރާމުކޮށްލުމަށް މަޑުކުރުމުގެ ފުރުސަތެއް ނުދީ ވަގުތުން މެކްސިކޯއަށް އެނބުރި ދާން އެންގިކަން އޭނާ ހާމކުރިއެވެ. މީގެ އިތުރުން، މާހައުލަށް ހޭނުމަށް ޓަކައި ދެ ހަފްތާ ކުރިން މުބާރާތަށް ދަތުރުކުރުމަށް އެދުނު ނަމަވެސް އެ ހުއްދަ ވެސް ދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
މިފަދަ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، ލޮސް އެންޖަލިސްގެ ސްޓޭޑިއަމްއިން އީރާންގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަށް ކޯޗު ވަނީ ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނިގޮތުގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ސަޕޯޓަރުންގެ ފަރާތުން ފެނުނީ ގައުމީ ޓީމަށް އޮތް ބޮޑު ލޯތްބެވެ. މީގެ އިތުރުން، އީރާން ޓީމު ކޭމްޕް ޖަހައިގެން ތިބި މެކްސިކޯގެ ސަރުކާރާއި ރައްޔިތުން ބަހައްޓަމުންދާ ގާތްކަމާއި މެހެމާންދާރީއަށް ވެސް އޭނާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
އަނެއްކޮޅުން ނިއުޒީލަންޑްގެ ކޯޗު ޑެރެން ބީޒްލީ ވަނީ މި މެޗުގައި އޭނާގެ ޓީމުން ދެއްކި ކުޅުމާމެދު ފަހުރުވެރިވާކަން ހާމަކޮށްފައެވެ. މެޗަށްފަހު ވާހަކަދައްކަމުން ބީޒްލީ ބުނީ ދަނޑުގެ ވިނަގަނޑާއި، ސްޓޭޑިއަމްގެ މާހައުލުގެ އިތުރުން ސަޕޯޓަރުންގެ ފޯރިވެސް ވަރަށް ފުރިހަމަ ކަމަށެވެ. އަދި އޭނާގެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ދިމާވި ހަމައެކަނި މައްސަލައަކީ މެޗުން މޮޅުނުވެވުން ކަމަށް އޭނާ ފާހަގަކުރިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.