ވޯލްޑް ކަޕްގައި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރާ ފީފާގެ މޮނިޓަރިން އިދާރާ، ފެއާ ނެޓްވޯކުން، ދޮން މީހުންގެ މަތިވެރިކަން ރަމްޒުކޮށްދޭ ނިޝާނެއް ދެއްކި ކަމަށް ބުނެ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)އޮފިޝަލަކު މުބާރާތުން ވަކިކުރުމަށް ފީފާއަށް ގޮވާލައިފިއެވެ.
މި މައްސަލައިގައި ހިމެނެނީ އޮސްޓްރޭލިއާގެ ވީއޭއާރް އޮފިޝަލެއް ކަމަށްވާ ޝޯން އިވެންސްއެވެ.
މި ހާދިސާ ހިނގާފައި ވަނީ އާދީއްތަ ދުވަހު ކުޅުނު ޖަރުމަނާއި ކުރަސާއޯގެ މެޗު ފެށުމުގެ ކުރިން، ޓީވީ ބްރޯޑްކާސްޓުން ވީއޭއާރް އެނަލިސްޓުންގެ ޓީމު ދެއްކި ވަގުތުގައެވެ. އެ ވަގުތު އިވެންސް ވަނީ އޭނާގެ ކަނާތްފަރާތު ފައިގެ ކުރިމަތީގައި ކަނާތުން "އޯކޭ"ރަމްޒުކޮށްދޭ ނިޝާނެއް ހަދާފައެވެ. މި މެޗު ހިއުސްޓަންގައި ކުޅުނު ނަމަވެސް، ވީއޭއާރް އޮފިޝަލުން މަސައްކަތް ކުރަމުންދަނީ ޑެލަސްގައި ހުންނަ ވޯލްޑް ކަޕް ބްރޯޑްކާސްޓް ސެންޓަރުގައެވެ.
އިނގިލިތަކުން ހަދާ މި ނިޝާނަކީ، 2019ވަނަ އަހަރު ނިއު ޔޯކްގެ އެންޓި-ޑެފެމޭޝަން ލީގު (އޭޑީއެލް)އިން ނަފުރަތު އުފައްދާ ރަމްޒެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނިޝާނެކެވެ. ފެއާ ނެޓްވޯކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިވެންސް ބޭނުންކުރި ނިޝާނަކީ ހަރުކަށި ކަނާތު ފިޔައިގެ ގްރޫޕްތަކުން "ވައިޓް ޕަވަރ"ނުވަތަ ދޮން މީހުންގެ ބާރު ދެއްކުމަށް ބޭނުންކުރާ ނިޝާނަކާ ދާދި އެއްގޮތް ނިޝާނެއް ކަމަށެވެ. އަދި މިއީ "ނިއޯ-ނާޒީ"އިޝާރާތެއްގެ ގޮތުގައި ސިފަކޮށް، މި އޮފިޝަލަށް މި މުބާރާތުގައި ދެން އެއްވެސް ދައުރެއް ދީގެން ނުވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
މިއީ އިވެންސް ގަސްތުގައި ސިޔާސީ އިޝާރާތެއްގެ ގޮތުގައި ކުރި ކަމެއްތޯ ނުވަތަ ކުޑަކުދިން ކުޅޭ ސަމާސާ ކުޅިވަރެއް ކަމަށްވާ "ސާކަލް ގޭމް"ގެ ބައެއްގެ ގޮތުގައި ކުރި ކަމެއްތޯ އަދި ސާފެއް ނުވެއެވެ. އޭޑީއެލްގެ ސެންޓަރ އޮން އެކްސްޓްރީމިޒަމްގެ ޑިރެކްޓަރ އޮރެން ސީގަލް 2019ގައި ބުނެފައި ވަނީ، މިފަދަ ނިޝާނެއް ބޭނުންކުރީ ނަފުރަތު ފެތުރުމަށްތޯ ނުވަތަ ނޫންތޯ ނިންމުމުގައި އެކަން ކުރި ހާލަތަށް ބަލަންޖެހޭނެ ކަމަށެވެ. ނަމަވެސް، ނަފުރަތު ފެތުރުމުގެ ބޭނުމުގައި މި ނިޝާން ބޭނުންކުރާ މިންވަރު އިތުރުވުމުން އެއީ ނަފުރަތުގެ ރަމްޒެއްގެ ގޮތުގައި ކަނޑައެޅީ ކަމަށް އޭނާ ބުންޏެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ މި ވޯލްޑް ކަޕްގައި މަސައްކަތް ކުރުމަށް ފީފާއިން ހޮވާފައިވާ 30ވީއޭއާރް އެނަލިސްޓުންގެ ތެރޭގައި އިވެންސް ހިމެނެއެވެ. މި މައްސަލައާ ގުޅިގެން ފީފާގެ ބަހެއް ހޯދުމަށް އަލްޖަޒީރާއިން ވަނީ އެދިފައެވެ. މީގެ އިތުރުން، އޮސްޓްރޭލިއާގެ ޕްރޮފެޝަނަލް ފުޓްބޯލް ރެފްރީސް އެސޯސިއޭޝަނާއި ފުޓްބޯލް އޮސްޓްރޭލިއާގެ ބަހެއް ހޯދުމަށް ވެސް ވަނީ މަސައްކަތް ކޮށްފައެވެ. ފެއާ ނެޓްވޯކުން ފާހަގަކުރި ގޮތުގައި، މި ހާދިސާއަށްފަހު ކުޅުނު ދެ މެޗެއްގައި ޓީވީ ޑައިރެކްޓަރުން ވަނީ ވީއޭއާރް ޕެނަލް ބެލުންތެރިންނަށް ދެއްކުން ހުއްޓާލާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.