ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް)ގެ ބާރުތައް ފުޅާކޮށް، ފުޓްބޯޅައިގެ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފާސްކޮށްފިއެވެ.
އިންޓަރނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ)އިން ފާސްކުރި މި އިސްލާހުތަކުގެ ދަށުން، ކޯނަރެއް ނުވަތަ ފްރީކިކެއް ޖެހުމުގެ ކުރިން ބޯޅަ ކުޅުމުގެ ތެރެއަށް ނާންނަނީސް ހިނގާ ފައުލްތަކަށް ވެސް ރެފުރީންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އައު ގަވާއިދުގެ ދަށުން ލަނޑަކަށް، ޕެނަލްޓީއަކަށް ނުވަތަ އަދަބެއް ދިނުމަށް ސީދާ އަސަރުކުރާ ފަދަ ކަމެއް ހިނގައިފި ނަމަ، ދަނޑުމަތީގައި ރިވިއުކުރުމަށް ލަފާދިނުމުގެ ބާރު ވީއޭއާރްއަށް ލިބޭނެއެވެ. މީގެ އިތުރުން، ދެވަނަ ރީނދޫ ކާޑެއް ދެއްކުމުގައި ގޯހެއް ހެދިފައިވާ ނަމަ އެކަން މުރާޖައާކުރުމާއި، ގޯލްކިކެއްގެ ބަދަލުގައި ނުބައިކޮށް ކޯނަރެއް ދެވިފައިވާ ހާލަތްތަކުގައި ވީއޭއާރް މެދުވެރިކޮށް އެކަން އިސްލާހުކުރުމުގެ ބާރު ވެސް މިހާރު ވަނީ ދީފައެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފީފާގެ ރެފުރީންގެ އިސްވެރިޔާ ޕިއެރުލުއިޖީ ކޮލީނާ ވަނީ، މިދިޔަ މާރިޗު މަހު އުރުގުއޭއާ ދެކޮޅަށް އިންގްލެންޑުން ޖެހި ލަނޑަށް އިޝާރާތްކޮށްފައެވެ. އެ މެޗުގައި ބެން ވައިޓް ކޯނަރަކުން ލަނޑު ޖެހުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އެޑަމް ވޯޓަން ވަނީ ހޯސޭ މާރިއާ ގިމެނޭޒްއަށް ހުރަސްއަޅައިފައެވެ. ކޮލީނާ ވިދާޅުވީ އެފަދަ ލަނޑުތައް ބަލައިނުގަނެވޭނެ ކަމަށާއި، ބޯޅަ ކުޅުމުގެ ތެރެއަށް އައުމުގެ ކުރިން ފައުލެއް ހިނގައިފި ނަމަ އެކަމާ މެދު އެއްވެސް މީހަކަށް އިއުތިރާޒެއް ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، ކުޅުންތެރިއަކަށް އަނިޔާވެގެން ކުޅުން މެދުކަނޑާލާ ވަގުތުތަކުގައި ޓީމުތަކުން ނުރަސްމީކޮށް ނަގާ "ޓެކްޓިކަލް ޓައިމްއައުޓް"ތައް ހުއްޓުވުމަށް ވެސް ފީފާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ކޯޗުން ކުޅުންތެރިންނަށް އައު އިރުޝާދުތައް ދިނުމަށާއި އިދިކޮޅު ޓީމުގެ ކުޅުމުގެ އޮއިވަރު ބަދަލުކޮށްލުމަށް ބޭނުންކުރާ މި އުކުޅާ ބެހޭގޮތުން ކޮލީނާ ބުނީ، ގޯލްކީޕަރަކަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދޭ ވަގުތުތަކުގައި، ކުޅުންތެރިން ބެންޗު ކައިރިއަށް ގޮސް އިރުޝާދު ހޯދުމުގެ ފުރުސަތު ދެން ނުދޭނެ ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.