12 އަހަރަށް ފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން އެކުއެޑޯ އަތުން އައިވަރީ ކޯސްޓް މޮޅުވެއްޖެއެވެ.
ރޭ ކުޅުނު މި މެޗްގައި އެ ޓީމް މޮޅުވީ މެޗްގެ 90ވަނަ މިނެޓްގައި އަމަދު ދިއާލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ވިންގަރު ލަނޑު ޖަހައި އޭނާގެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނުމުގެ ކުރިން، ދެ ޓީމުން ފޮނުވާލި ހަމަލާތައް ތިން ފަހަރެއްގެ މަތިން ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވެއެވެ.
މެޗުގެ 56ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ދިއާލޯ މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ވައަތުން ފޮނުވާލި ބާރު ހަމަލާއަކުން، އެކުއެޑޯގެ ގޯލްކީޕަރު ހެރްނާން ގަލިންޑޭޒް ނައްޓާލުމަށް ފަހުއެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ކަނާތްފަރާތުން ބާރަށް ކުރިއަށް އަރައި ވިލްފްރައިޑް ސިންގޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ވޯލްޑް ކަޕްގައި ހަތަރުވަނަ ފަހަރަށް އަދި 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވާދަކުރާ އައިވަރީ ކޯސްޓުން މިވަނީ ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރަށް ދިއުމަށް ބޮޑު ފިޔަވަޅެއް އަޅާފައެވެ.
ކޮލިފައިންގެ 10 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ 8 މެޗުން މޮޅުވެ، 2 މެޗުން އެއްވަރުވި އައިވަރީ ކޯސްޓް ދެން ބައްދަލުކުރާނީ ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖަރުމަނާއެވެ. ޖަރުމަނުން ވަނީ ރޭ، ގްރޫޕް އީ ގައި ކިއުރަސާއޯ އަތުން 7-1 އިން މޮޅުވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.