ވޯލްޑްކަޕްގައި ރޭ ޖަޕާނުން ވަނީ ނެދަލޭންޑްސްއާ އެއްވަރުކޮށްފައެވެ. ވޯލްޑްކަޕްގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރުމުގެ ތާރީޚެއް ޖަޕާނުގައި އޮތް ނަމަވެސް އާންމުންގެ ލޯބި އެ ޓީމަށް ނުވަތަ އެ ޓީމުގެ ސަޕޯޓަރުންނަށް އޮވެއެވެ. ސަބަބަކީ އެ މީހުންގެ އަޚްލާޤެވެ. މެޗް ނިމުމުން ދަނޑު ސާފުކުރުން ފަދަ ކަންކަމެވެ. މިކަން މިއަހަރު ވެސް ފާހަގަކުރެވި އެ ޓީމަށް މި ވަނީ އަނެއްކާ ވެސް ލޯބި އޮހިފައެވެ.
ފޯރިގަދަ މެޗަށް ފަހު ގިނަ ސަޕޯޓަރުން ދަނޑުން ނުކުންނަން މިސްރާބު ޖެހިއިރު، ޖަޕާނުގެ ސަޕޯޓަރުން މަޑުކުރިއެވެ. ބޮޑެތި ނޫކުލައިގެ ކުނި ކޮތަޅުތަކާ އެކު އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ ސީޓުތަކުގެ ދެމެދުގައި ހުރި ހުސް ފުޅިއާއި، ކާބޯތަކެތި ބަންދުކުރި ކަރުދާސްތަކާއި، އަދި ސަޕޯޓަރުން ދޫކޮށްލާފައި ދިޔަ ތަށިތައް ހޮވައި، ވަރަށް ތަރުތީބުން ސާފުކޮށްފައެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ވަނީ ސޯޝަލް މީޑިއާގައި މި އަމަލަށް ތައުރީފުކޮށް، ސާފުކުރަމުންދިޔަ މަންޒަރުތަކުގެ ފޮޓޯތަކާއެކު ލިޔެފައެވެ: "ޖަޕާނުގެ ސަޕޯޓަރުން އަބަދުވެސް ކުރާ ކަންތައް ކުރަނީ... ސަޕޯޓަރުން އަނެއްކާ ވެސް އެމީހުންގެ ނަމޫނާ އަޚްލާގު ދައްކުވައިދީފި، ޑެލަސް ސްޓޭޑިއަމުން ދިއުމުގެ ކުރިން ސީޓުތައް ސާފުކޮށްފި."
އެހެން ޕޯސްޓެއްގައި ފީފާއިން ވަނީ ޖަޕާނުގެ ސަޕޯޓަރެއްގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އޭނާ ވަނީ ކޮންމެ މެޗަކަށް ފަހު ސަޕޯޓަރުން ދަނޑު ސާފުކުރާ ސަބަބު ކިޔައިދީފައެވެ.
"އެއީ ސަގާފަތެއް، އެކަމަކު އެއަށް ވުރެ ބޮޑަށް އެއީ ހުރިހާ އެއްޗަކަށް ކުރާ އިހުތިރާމެއް: ކުޅުންތެރިންނަށާއި، ސަޕޯޓަރުންނަށް އަދި ދަނޑަށް ކުރާ އިހުތިރާމެއް. އަހަރެމެން މިތަނުގައި ތިބެވުމަކީ ލިބޭ ޝަރަފެއް. އަހަރެމެން ބޭނުމެއް ނުވޭ މިތަން ހަޑިކޮށްފައި ދާކަށް،" ފީފާއިން އެކްސް (ކުރީގެ ޓްވިޓާ)ގައި ހިއްސާކުރި ވީޑިއޯއެއްގައި ސަޕޯޓަރަކު ބުންޏެވެ.
މި އަމަލަށް އިޝާރާތްކޮށް، އިންޓަނެޓް ބޭނުންކުރާ ގިނަ ބަޔަކު ޖަޕާނުގެ ސަޕޯޓަރުންނަށް ތައުރީފުކޮށް ބުނެފައިވެއެވެ، "ދުނިޔެ ޖަޕާނުގެ ކިބައިން ދަސްކުރަންޖެހޭ. މިއީ ވަރަށް ތައުރީފު ހައްގު ކަމެއް." އެހެން މީހަކު ލިޔެފައިވެއެވެ، "ދުނިޔޭގައި ތިބި އެންމެ ހަރުދަނާ މީހުންގެ ތެރޭގައި ހިމެނޭ ޖަޕާނަށް ވަރަށް ބޮޑަށް އިހުތިރާމް ކުރަން."
އެހެން މީހަކު ލިޔެފައިވެއެވެ، "މި ސަގާފަތުގެ ސަބަބުން އެމީހުންގެ ފުޓްބޯޅަ ޓީމަށްވުރެ ބޮޑަށް ގައުމު އިޝްތިހާރުވޭ، އަދި މިއީ މި ވޯލްޑް ކަޕްގެ އެންމެ ބޮޑު ސަގާފަތް. ޖަޕާނަށް އިހުތިރާމް ކުރަން." ސަޕޯޓަރަކު ބުންޏެވެ، "މި ގައުމުން އަބަދުވެސް އަހަރެންގެ ހިތް އަތުލާ." އަދި އެހެން މީހަކު ލިޔެފައިވެއެވެ، "ކްލާސް އަކީ ދާއިމީ އެއްޗެއް. ޖަޕާނުގެ ސަޕޯޓަރުންނަށް އަނެއްކާ ވެސް އިހުތިރާމް ކުރަން!"
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.