ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބްރެޒިލްއާއި ޖަޕާން ވާދަކުރާ ފޯރިގަދަ މެޗުގެ ހުރިހާ ޓިކެޓެއް ހުސްވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ގަދަ 32ޓީމު ވާދަކުރާ ބުރުގެ ފޯރިގަދަ މެޗުގައި ބްރެޒިލް އާއި ޖަޕާން ބައްދަލުކުރާ މެޗުގެ ހުރިހާ ޓިކެޓެއް ވިކި ހުސްވެއްޖެއެވެ.

ރާއްޖެ ގަޑިން މިރޭ 10:00ގައި ފަށާ މި މެޗަކީ މި ބުރުގެ ދެވަނަ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ޓެކްސަސްގައި ހުންނަ، އެގައުމުގެ ގައުމީ ޓީމުގެ ގިނަ މެޗުތަކެއް ވެސް ކުޅޭ ހިއުސްޓަން ސްޓޭޑިއަމްގައެވެ.

މި މެޗު ކުޅޭ ހިއުސްޓަން ސްޓޭޑިއަމް އަކީ 72،220މީހުންގެ ޖާގައިގެ ދަނޑެކެވެ. ނަމަވެސް ޚާއްޞަ އިވެންޓްތަކުގައި މި ދަނޑަށް 80،000އާ ހަމައަށް މީހުން ވައްދާ އިރު، މިރޭގެ މެޗުގެ ޕްރެމިއަމް ޓިކެޓެއްގެ އަގު އުޅެނީ 25،000ޑޮލަރުގައެވެ. މި ސްޓޭޑިއަމްއަކީ މި މުބާރާތުގައި ގިނަ ލަނޑުތަކެއް ފެނިގެން ގޮސްފައިވާ ދަނޑެކެވެ. އެގޮތުން ޖަރުމަނުން 7-1އިން ކިއުރަސާއޯ ބަލިކުރި މެޗާއި، ކޮންގޯއިން ޕޯޗުގަލް ހިފެހެއްޓި މެޗުގެ އިތުރުން، އުޒުބެކިސްތާން ކޮޅަށް ޕޯޗުގަލްއިން 5ލަނޑު ޖެހި މެޗާއި ނެދަލެންޑްސްއިން 5-1އިން ސްވިޑެން ބަލިކުރި މެޗު ވެސް ކުޅުނީ މި ދަނޑުގައެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެއީ 7ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުން ދެވަނަ ހޯދި މޮރޮކޯއަށް ވެސް 7ޕޮއިންޓް ލިބުނެވެ. އަނެއްކޮޅުން، ގަދަ 32ޓީމުގެ ތެރެއިން ޖާގަ ހޯދި އޭޝިޔާގެ ހަމައެކަނި ގައުމު ކަމަށްވާ ޖަޕާން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއީ ނެދަލެންޑްސްގެ ފަހަތުން 5ޕޮއިންޓާ އެކުއެވެ.

މިރޭގެ މެޗަކީ މި ބުރުގެ އެންމެ ޝައުގުވެރި އަދި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ އެއް މެޗެވެ. މި މެޗުގެ ފޯރި ގަދަވާ އެންމެ ބޮޑު ސަބަބަކީ، ބްރެޒިލްގެ ކޯޗުކަމާ ކާލޯ އެންޗެލޮޓީ ހަވާލުވި ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މި ދެ ގައުމު ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ޖަޕާނުން ކާމިޔާބުކޮށްފައިވުމެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްއިން ދެ ލަނޑު ޖަހާ ކުރިހޯދާފައި ވަނިކޮށް، ޖަޕާނުން ވަނީ ދެވަނަ ހާފުގައި ތިން ލަނޑު ޖަހައި 3-2އިން މެޗު ކާމިޔާބުކޮށްފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު