ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފަހު ވަގުތުގެ ލަނޑުން ގަތަރުން ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ބޫއާލެމް ޚޫޚީ ބޮލުން ޖެހި ލަނޑަކުން ނަތީޖާ ހަމަހަމަކޮށް، ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ސްވިޓްޒަލޭންޑުން މެޗު ކޮންޓްރޯލް ކުރަމުން ދަނިކޮށް ގަތަރުން 1-1އިން އެއްވަރުކޮށްފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު މި މެޗުގެ ފަހު ވަގުތު ޖެހި މި ލަނޑާ އެކު، އުފާފާޅުކުރުމުގެ ގޮތުން ގަތަރުގެ ބައެއް ކުޅުންތެރިން ދަނޑުމައްޗަށް ވެއްޓުނުއިރު، އަނެއް ބައި ކުޅުންތެރިން ދުވެފައި ގޮސް އެކަކު އަނެކަކުގެ ގައިގައި ބައްދާލިއެވެ.

ވިސާ ލަސްވުމުގެ މައްސަލައަކަށް ފަހު އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބުނުތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފަހުން ކުޅުނު މި މެޗްގައި ،ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ބްރީލް އެމްބޯލޯ ވަނީ ސްވިޓްޒަލޭންޑަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް، ސްވިސް ޓީމަށް ލިބުނު އިތުރު ގިނަ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މެޗުގެ 13ވަނަ މިނެޓުގައި އެމްބޯލޯއަށް ގަތަރުގެ ގޯލްކީޕަރު މަހްމޫދު އަބޫނަދާ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދެއްކިއެވެ. މި ފައުލަށް ފަހު އަބޫނަދާ ބޯވަތަށް ދަނޑުމައްޗަށް ވެއްޓި، ދެތިން މިނެޓެއް ވަންދެން އެއްވެސް ހަރަކާތެއް ނެތި އޮތުމަށް ފަހު، ފައި ހަރަކާތްކުރަން ފަށައި އަލުން ކޮޅަށް ތެދުވިއެވެ.

މެޗުގެ 17ވަނަ މިނެޓުގައި އެމްބޯލޯ ވަރަށް ހަމަޖެހިލާފައި ޕެނަލްޓީ ގޯލުގެ ވާތްފަރާތު މަތީ ކަނަށް ވައްދާލުމާ އެކު، ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ތިބި ރަތް ކުލައިގެ ޖާޒީތަކުގައި ތިބި ސްވިސް ސަޕޯޓަރުން އުފަލުން ނަށަން ފެށިއެވެ.

އުމުރުން 29 އަހަރުގެ ފޯވާޑް، އޭނާގެ ތިންވަނަ ވޯލްޑް ކަޕަށް ދަތުރުކުރުމަށް ޓީމުގެ ފްލައިޓަށް އެރުން މަނާކުރިތާ އެއް ދުވަސް ފަހުން، ޖޫން 3ވަނަ ދުވަހު ބާންގައި ހުންނަ އެމެރިކާ އެމްބަސީއަށް އަވަސް ވިސާއަކަށް ހުށަހެޅިއެވެ. އޭނާ ފްލައިޓަށް އެރުން މަނާކުރީ 2018ވަނަ އަހަރުގެ ޖިނާއީ ކުށެއްގެ މައްސަލަ މިއަހަރުގެ އޭޕްރީލް މަހު ނިމުމަކަށް އައުމާ ގުޅިގެންނެވެ.

އާދަޔާ ހިލާފަށް ހޫނު ގަދަ ގަޑިއެއްގައި ކުޅުނު މި މެޗުގައި ސްވިޓްޒަލޭންޑުން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނެވެ. އަދި ފުރަތަމަ ހާފުގެ މެދުތެރެއިން ، ލިބުނު ބްރޭކެއްގައި ދަނޑަށް ފެންޖެހިއެވެ.  

ގަލްފުގެ މި ގައުމަކީ މީގެ ހަތަރު އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ބަލިވި ފުރަތަމަ ހޯސްޓް ގައުމެވެ. 2022ވަނަ އަހަރުގެ މުބާރާތުގައި އެޓީމު ބަލިވީ ސެނެގާލް، އިކުއެޑޯ އަދި ނެދަލޭންޑްސް އަތުންނެވެ. އެ މުބާރާތުގައި އެޓީމަށް ޖެހުނު ހަމައެކަނި ލަނޑު ޖެހީ ސެނެގާލް އަތުން 3-1އިން ބަލިވި މެޗުގައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު