ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި ހިމެނޭ ހަތަރު ޓީމަކީވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތް، ވަރަށް ހަމަހަމަ ޓީމުތަކެއް ކަމަށް ތުރުކީޔޭގެ ކޯޗު ވިންސެންޒޯ މޮންޓެލާ ބުނެފިއެވެ.
މޮންޓެލާ މިހެން ބުނީ މާދަމާ ހެނދުނު ރާއްޖޭ ގަޑިން 9ޖަހާއިރު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިއީ 24އަހަރުގެ ދިގު މުއްދަތަކަށް ފަހު ތުރުކީޔޭއިން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ކޯޗު މޮންޓެލާ ފާހަގަކުރި ގޮތުގައި މި މުބާރާތުގައި ކުޅޭއިރު ކުޅުންތެރިންނަށް ހާއްސަ އިހުސާސްތަކެއް ކުރެވޭނެއެވެ. ނަމަވެސް އޭނާ ބޭނުން ވަނީ އެ ޖަޒުބާތުތައް އެއްފަރާތްކޮށް، މޮޅު ކުޅުމަކާ އެކު މުބާރާތް ރަނގަޅަށް ފަށައި، ތުރުކީޔޭގެ ރައްޔިތުން ފަހުރުވެރިވާ ފަދަ ޓީމަކަށް އެޓީމު ހެދުމަށެވެ. އޭނާ ބުނީ ފުރަތަމަ މެޗަކީ އެންމެ މުހިންމު މެޗު ކަމަށާއި، އޮސްޓްރޭލިއާ އަތުން މޮޅުވެވިއްޖެ ނަމަ ކުރިއަށް ހުރި މެޗުތަކަށް ކުރިމަތިލާން ފަސޭހަވާނެ ކަމަށެވެ.
މި މެޗުން ތުރުކީޔޭ މޮޅުވާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް، އޮސްޓްރޭލިއާގެ ކޯޗު ޓޯނީ ޕޮޕޮވިޗް ހުރީ ފަސްޖެހޭ ގޮތަކަށް ނޫނެވެ. ޕޮޕޮވިޗް ބުނީ އޭނާގެ ޓީމާ މެދު ސުވާލު އުފައްދާ ފަރާތްތަކަށް ރަނގަޅު ރައްދެއް ދިނުމަށް އޮސްޓްރޭލިއާ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި އެޓީމުގެ އަމާޒަކީ ތުރުކީޔޭގެ ފެށުން ރަނގަޅަށް ދިޔަނުދީ، މެޗުގައި މޮޅު ކުޅުމެއް ދައްކައި މޮޅުވުން ކަމަށް އޭނާ ހާމަކުރިއެވެ. ތުރުކީޔޭއިން 24އަހަރު ފަހުން މުބާރާތަށް ޖާގަ ހޯދިއިރު، އޮސްޓްރޭލިއާއަކީ ވޭތުވެދިޔަ ހަ މުބާރާތުން ވެސް ގަވާއިދުން ޖާގަ ހޯދާފައިވާ ގައުމެކެވެ.
މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ އެމެރިކާއާއި ޕެރަގުއާއީ މިއަދު ހެނދުނު ބައްދަލުކުރި މެޗު 4ލަނޑު 1ލަނޑުން ކާމިޔާބުކޮށް، އެމެރިކާއިން ވަނީ މިހާރު ވެސް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.