ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެ، 2026ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ، ގިނަ ބައެއްގެ ބޮޑު އުއްމީދެއް އޮތް ތުރުކީ ކަޓައިފިއެވެ.
ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މި މެޗުން ތުރުކީ ބަލިވީ، ފުރަތަމަ ހާފުގައި ކުޅުންތެރިއަކު މަދުވި ޕެރަގުއޭ އަތުން 1-0ގެ ނަތީޖާއަކުންނެވެ. ސެން ފްރެންސިސްކޯ ބޭ އޭރިއާގައި ކުޅުނު މި މެޗުގައި ޕެރަގުއޭއިން ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ދައްކައި، ތުރުކީގެ ހަމަލާތައް ހުއްޓުވައިފައެވެ. މިއާއެކު ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި އެމެރިކާ ވަނީ ކަށަވަރުވެފައެވެ. އެމެރިކާ ވަނީ ސިއެޓްލްގައި ކުޅުނު މެޗުގައި އޮސްޓްރޭލިއާ އަތުން 2-0އިން މޮޅުވެފައެވެ.
ފުރަތަމަ މެޗުގައި އެމެރިކާ އަތުން 4-1އިން ބަލިވި ޕެރަގުއޭ އިން ރޭގެ މެޗުގެ ކުރީކޮޅު ލީޑު ނެގިއެވެ. މެޗު ފަށައިގެން 64ވަނަ ސިކުންތުގައި 25މީޓަރު (27ޔާޑު)ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މަޓިއަސް ގަލާޒާއެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ އަވަސް ލަނޑެވެ. މީގެ ކުރިން އެންމެ އަވަސް ލަނޑުގެ ރެކޯޑު އޮތީ އޭގެ މަދު ގަޑިއިރުތަކެއް ކުރިން ސްކޮޓްލޭންޑް އަތުން މޮރޮކޯ 1-0އިން މޮޅުވި މެޗުގެ 71ވަނަ ސިކުންތުގައި އިސްމާއިލް ސައިބާރީ ޖެހި ލަނޑަށެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެރަގުއޭގެ މިގޭލް އަލްމިރޮން އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ތުރުކީގެ މާޓް މުލްދުރްއާ ދިމާލަށް އެއްޗެހި ބުނިއިރު، އަތުން އަނގަ ނިވާކޮށްގެން ހުރުމުންނެވެ. މިއީ އަނގަ ނިވާކޮށްގެން ހުރެ ވާދަވެރި ހާލަތްތަކުގައި ވާހަކަދައްކާ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމަށް ހެދި އާ ގަވާއިދުގެ ދަށުން ވޯލްޑް ކަޕެއްގައި ރަތް ކާޑު ދެއްކި ފުރަތަމަ ފަހަރެވެ. މި ގަވާއިދު ހެދީ ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ އަށް ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ އަނގަ ނިވާކޮށްގެން ހުރެ ނަސްލީ ގޮތުން ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވުނު ހާދިސާއަށް ފަހުއެވެ. ވީއޭއާރުން ބެލުމަށްފަހު އަލްމިރޮން ފޮނުވާލުމުން، މުޅި ދެވަނަ ހާފު ޕެރަގުއޭ އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މެޗުގައި ތުރުކީން ވަނީ ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ދައްކާފައެވެ. އެއް ވަގުތެއްގައި 79އިންސައްތަ ބޯޅަ ހިފަހައްޓައިގެން ތުރުކީން ކުޅުނުއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ 32ފުރުސަތު ތަނަވަސްކޮށްފައެވެ. ނަމަވެސް ޔުވެންޓަސްގެ ފޯވާޑް ކެނާން ޔިލްޑިޒް އާއި ރެއާލް މެޑްރިޑްގެ އާޑާ ގުލާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިއީ އޮސްޓްރޭލިއާ އަތުން ބަލިވި މެޗެކޭ އެއްގޮތަށް، ތުރުކީގެ ފިނިޝިން ދަށްވުމުގެ ސަބަބުން ދިމާވި ނަތީޖާއެކެވެ. "ލަ އަލްބިރޯހާ"ގެ ނަމުން މަޝްހޫރު ޕެރަގުއޭ އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނީ 2010ގައެވެ. އެ ފަހަރު އެ ޓީމު ކެޓީ ކުއާޓާ ފައިނަލުގައި ޗެމްޕިއަން ސްޕެއިން އަތުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ތުރުކީގެ ކޯޗު ވިންސެންޒޯ މޮންޓެލާ ބުނީ ކުޅުންތެރިން މުބާރާތުގައި ދެމިތިބުމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި، މިއީ ގަބޫލުކުރަންޖެހޭ ނަތީޖާއެއް ކަމަށެވެ.
"އަހަރެން ދެރަވޭ، އެކަމަކު ކުޅުންތެރިންނާ މެދު ފަޚުރުވެރިވޭ. އެމީހުން މެޗުގެ ފަހު ސިކުންތާ ހަމައަށްވެސް ހުރިހާ އެއްޗެއް ދިން. ފުޓްބޯޅައަކީ މިއީ" މޮންޓެލާ ބުންޏެވެ.
ޕެރަގުއޭގެ ލަނޑު ޖެހި އުމުރުން 24އަހަރުގެ ގަލާޒާ ބުނީ މިއީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ. ރިވަރ ޕްލޭޓުން އެޓްލާންޓާ ޔުނައިޓެޑަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ގަލާޒާ ބުނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ޓީމުގެ ރޫހު ދައްކާލެވުނު ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.