ފީފާއިން އަލަށް އަމަލުކުރަން ފެށި ހަރުކަށި ގަވާއިދެއްގެ ދަށުން، މެޗެއްގެ ތެރޭގައި އަނގަމަތީގައި އަތްއަޅައިގެން ވާހަކަދެއްކުމުގެ ސަބަބުން ޕެރަގުއޭގެ މިގޭލް އަލްމިރޯންއަށް ރަތް ކާޑު ދައްކައިފިއެވެ.
މިއީ ފުޓްބޯޅައިގެ ތާރީޚުގައި ވެސް މިފަދަ އަމަލަކާ ގުޅިގެން ކުޅުންތެރިއަކަށް ރަތް ކާޑެއް ދެއްކި ފުރަތަމަ ފަހަރެވެ. އުމުރުން 32އަހަރުގެ އަލްމިރޯންއަށް މި ކާޑު ދެއްކީ ވޯލްޑް ކަޕް 2026ގެ ގްރޫޕް ސްޓޭޖުގައި މިއަދު ހެނދުނު ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
މި ހާދިސާ ހިނގާފައި ވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، 1-0ގެ ނަތީޖާއަކުން ޕެރަގުއޭ ކުރީގައި އޮއްވައެވެ. ތުރުކީގެ މާޓް މުލްޑޫރާ ވާހަކަދައްކަމުން ދިޔަ ވަގުތު އަލްމިރޯން އޭނާގެ އަތުން އަނގަމަތި ނިވާކުރުމުން، މުލްޑޫރު ވަނީ ވަގުތުން އެކަން ކައިރީގައި ހުރި އޮފިޝަލަށް އަންގާފައެވެ. އެއަށް ފަހު ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް)މެދުވެރިކޮށް މައްސަލަ ބެލުމަށް ފަހު، ރެފުރީ އިވާން ބާޓަން ވަނީ އަލްމިރޯންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިއީ މިއަހަރުގެ އޭޕްރިލް މަހު ވެންކޫވަރގައި ބޭއްވި އިންޓަރނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ)ގެ ޚާއްސަ ބައްދަލުވުމެއްގައި ފާސްކޮށް، މި ފަހަރުގެ ވޯލްޑް ކަޕުގައި އަލަށް އަމަލުކުރަން ފެށި ގަވާއިދެކެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މީގެ ކުރިން ވިދާޅުވެފައި ވަނީ، ކުޅުންތެރިން އަނގަމަތި ނިވާކޮށްގެން ވާހަކަދައްކަނީ ބޭއަދަބީ ބަސްތައް ބޭނުންކުރުމަށް ކަމަށް ރެފުރީން ބަލަންޖެހޭނެ ކަމަށެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި ރަތް ކާޑު ދެއްކުމުގެ ފަހުގެ ނިންމުން އޮންނާނީ ރެފުރީގެ އަތްމަތީގައެވެ.
ކުޅުންތެރިން އަނގަމަތި ނިވާކުރުމުގެ މައްސަލަ ބޮޑުވެގެން ދިޔައީ މިދިޔަ ފެބްރުއަރީ މަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ، ރެއާލް މެޑްރިޑުގެ ވިނީޝިއުސް ޖޫނިއަރއާ ވާހަކަދެއްކިއިރު ޖާޒީން އަނގަމަތި ނިވާކުރި ހިސާބުންނެވެ. އެ ފަހަރު ޕްރެސްޓިއާނީއަށް ނަސްލީ ތަފާތުކުރުމުގެ ތުހުމަތު ކުރެވުނު ނަމަވެސް އޭނާ އެކަން ދޮގުކުރިއެވެ. ނަމަވެސް ޔުއެފާއިން މައްސަލަ ބެލުމަށް ފަހު ބޭއަދަބީ ބަސްމަގު ބޭނުންކުރުމުގެ ސަބަބުން އޭނާ ސަސްޕެންޑުކުރިއެވެ.
މި މުބާރާތުގައި އަލްމިރޯން މައްސަލައެއްގެ ތެރެއަށް ވަން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ފުރަތަމަ މެޗުގައި އެމެރިކާގެ ޓިމް ރީމް އޭނާއަށް ފައުލްކުރި ކަމަށް ބަލައި ރީމްއަށް ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރް ބެލުމަށް ފަހު އެނގުނީ އަލްމިރޯން އަމިއްލައަށް ޑައިވްކުރީ ކަމަށެވެ. އެއާ އެކު ރެފުރީ ވަނީ އޭނާއަށް ރީނދޫ ކާޑެއް ދައްކާފައެވެ. މި ރަތް ކާޑުގެ ސަބަބުން، އަންނަ ހުކުރު ދުވަހު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަލްމިރޯންއަށް ނުކުޅެވޭނެއެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ ޕެރަގުއޭއަށް މުބާރާތުގެ ގަދަ 32ގެ ބުރަށް ދަތުރުކުރެވޭނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.