ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހެނދުނު ޕެރަގުއާއީއާ ދެކޮޅަށް އެމެރިކާ ނިކުންނަ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެތީ، އެ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވާންޖެހޭ ކަމަށް އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
ލޮސް އެންޖަލިސް ސްޓޭޑިއަމްގައި ކުޅޭ މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕޮޗެޓީނޯ ބުނީ، ގިނަ ބަޔަކު އެމެރިކާއަކީ ފޭވަރިޓުންގެ ގޮތުގައި ދެކުނު ނަމަވެސް، ޕެރަގުއާއީއަކީ ވަރަށް ނުރައްކާތެރި ޓީމެއް ކަމަށެވެ.
މި މެޗަށް އެމެރިކާ ކުރިމަތިލަނީ ފިޒިކަލީ އަދި ޓެކްޓިކަލީ ވެސް ވަރަށް ވަރުގަދަކޮށް އޮވެގެންކަން ފާހަގަކުރަމުން ކޯޗު ބުނީ، ޓީމުގައި މި ވަގުތު އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެންކަމުން ސްކޮޑުގައި ހިމެނޭ 26ކުޅުންތެރިންގެ ތެރެއިން ފުރަތަމަ އެގާރަ އިޚްތިޔާރު ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް ކަމަށް ޕޮޗެޓީނޯ ބުންޏެވެ. މީގެ ތެރޭގައި ކުރިން އަނިޔާގައި ހުރި ޑިފެންޑަރު ކްރިސް ރިޗަޑްސް ވެސް ހިމެނެއެވެ.
ޕޮޗެޓީނޯ އިތުރަށް ހާމަކުރި ގޮތުގައި، އަމިއްލަ ގައުމުގެ ސަޕޯޓަރުންނާ ދަނޑުމަތީގައި ގުޅުން ބަދަހިކުރަން ބޭނުން ނަމަ، ކުޅުންތެރިން ކުޅެންޖެހޭނީ މިނިވަންކަމާ އެކު ޖޯޝާއި ފޯރީގައެވެ. އަދި މި މުބާރާތުގައި އެމެރިކާއަށް ކުރިއަށް ދެވޭނީ ދަނޑުމަތީގައި ދައްކާ ކުޅުމުގެ އިތުރުން، ދަނޑަށް ވަންނަ އެ ގައުމުގެ ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތުން ކަމަށް އޭނާ ގަބޫލުކުރެއެވެ.
މި މުބާރާތަށް އެމެރިކާ ޓީމު ބައްޓަންކުރުމުގެ ބޭނުމުގައި 2024ވަނަ އަހަރު އެ ގައުމުގެ ކޯޗުކަމާ ހަވާލުވި ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން، އެމެރިކާ ޓީމުން ވަނީ ރޭގެ ވަގުތެއްގައި އެންމެ ފަހުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.