ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާ އަށް ދިއުމުން އެ ގައުމަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލި ސޮމާލިއާގެ ރެފްރީ އޮމަރު އާޓަންއަށް، މިއަހަރުގެ ޔުއެފާ ސުޕަ ކަޕް މެޗު ބެލެހެއްޓުމުގެ ފުރުސަތު ދިނުމަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ)އިން ނިންމައިފިއެވެ.
އުމުރުން 34އަހަރުގެ އާޓަން އަށް މި ޝަރަފުވެރި ފުރުސަތު ދޭން ނިންމިކަން ޔުއެފާއިން ހާމަކުރީ ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައި ވަނިކޮށެވެ.
އެމެރިކާގެ ވިސާ ލިބިފައި ވަނިކޮށް އާޓަން އެ ގައުމަށް އެތެރެވިޔަނުދީ ހިފެހެއްޓީ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަނުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ އެ ގައުމަށް އެތެރެވިޔަނުދިނީ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ބަޔަކާ ގުޅުން އޮންނަކަމުގެ ތުހުމަތުގައެވެ. ނަމަވެސް ގިނަ ބަޔަކު ދެކޭގޮތުގައި މިއީ އެމެރިކާއިން ގެންގުޅޭ ތަފާތުކުރުންތަކުގެ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ.
މި މައްސަލައާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ)އިން ބުނީ ވޯލްޑް ކަޕް ބާއްވާ ގައުމެއްގެ އިމިގްރޭޝަން އުސޫލުތަކަށް ބަސް ބުނުމުގެ ބާރު އެ އިދާރާ އަށް ލިބިގެން ނުވާ ކަމަށެވެ. އެހެންނަމަވެސް، ޔުއެފާގެ ރައީސް އެލެކްސެންޑާ ކެފެރިން ވިދާޅުވީ ފުޓްބޯޅައިގެ އަސްލު ބޭނުމަކީ އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރުން ކަމަށާއި، އާޓަންއަށް މި ފުރުސަތު ދިނީ އޭނާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކަމަށެވެ.
ސްލޮވީނިއާއަށް ނިސްބަތްވާ ކެފެރިން ވަނީ އާޓަން އަކީ އެފްރިކާގެ އެންމެ މަތީ ފަންތީގައި ފެންވަރު ސާބިތުކޮށްދީފައިވާ ޒުވާން، ހުނަރުވެރި އަދި ތަޖުރިބާކާރު ރެފްރީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މި ނިންމުމާ ގުޅިގެން އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ޕެޓްރީސް މޮޓްސެޕޭ ވިދާޅުވީ މިއީ އާޓަންގެ އިތުރުން މުޅި އެފްރިކާ އަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، ޔުއެފާ އިން ދެއްކީ ނަމޫނާ ރީތި މިސާލެއް ކަމަށެވެ.
އެމެރިކާގެ ނިންމުމާ އެކު އާޓަން އެނބުރި ގައުމަށް ދިއުމުން އޭނާ އަށް މަރުހަބާ ކިޔާފައި ވަނީ ގައުމީ ބަތަލެއްގެ ގޮތުގައެވެ. އޭނާ ރެފްރީކަން ކުރާ ޔުއެފާ ސުޕަ ކަޕް މެޗުގައި ބައްދަލުކުރާނީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީއާއި ޔުރޮޕާ ލީގުގެ ޗެމްޕިއަން އެސްޓަން ވިލާއެވެ. މި ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 12ވަނަ ދުވަހު އޮސްޓްރިއާގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.