ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސުޕަކަޕް ކާމިޔާބުކޮށް ޕީއެސްޖީއަށް ތާރީހީ ރެކޯޑެއް

ޝެއާ ކުރޭ Facebook Telegram Viber X

އޮސްޓްރިއާގެ ސަލްޒބާގްގައި ކުޅުނު ފޯރިގަދަ މެޗުގައި އެސްޓަން ވިލާ 2-1ގެ ނަތީޖާއަކުން ބަލިކޮށް، ޔުއެފާ ސުޕަ ކަޕްގެ ތަށި ދިފާއުކުރުމުގެ ޝަރަފު ފްރާންސްގެ ޕީއެސްޖީން ހޯދައިފިއެވެ.

މިއީ ޕީއެސްޖީން ޖެހިޖެހިގެން މި ތަށި ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މި ކާމިޔާބީއާ އެކު އެޓީމު ވެގެން ގޮސްފައި ވަނީ މުބާރާތުގެ ތާރީހުގައި ވިދިވިދިގެން ދެ އަހަރު ތަށި ހޯދި ހަތަރުވަނަ ކްލަބަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައި ވަނީ އަޔެކްސް، އޭސީ މިލާން އަދި ރެއާލް މެޑްރިޑެވެ.

މެޗު ފަށައިގެން ޕީއެސްޖީން ވަރުގަދަ ކުޅުމެއް ދެއްކިއިރު، މެޗުގެ 20ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ހުނަރުވެރި ވިންގަރ ހްވިޗާ ކްވަރަޓްސްހެލިއާއެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އެސްޓަން ވިލާގެ އުމުރުން އެންމެ 17އަހަރުގެ ބްރަޔަން މާޖޯ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. ޖޯން މެގިން ނަގައިދިން ހުރަހަކުން މާޖޯ ކާމިޔާބުކުރި މި ލަނޑާ އެކު، އޭނާ ވެފައިވަނީ ޔުއެފާ ސުޕަ ކަޕްގެ ތާރީހުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ދެވަނަ ހާފުގައި ޕީއެސްޖީން އަލުން ލީޑު ނަގައި މެޗުން މޮޅުވީ 61ވަނަ މިނެޓުގައި ޑެޒިރޭ ޑުއޭ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުސްމާން ދެމްބެލޭއެވެ.

މި މެޗުގައި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ރެފްރީންގެ ޓީމެވެ. މެޗުގެ މެދުތެރެއިން ފެނިގެންދިޔައީ ވޯލްޑް ކަޕަށް ދިއުމަށް އެމެރިކާއިން ވިސާ ދިނުމަށް ފަހު، އެ ގައުމަށް ދިއުމުން ޑީޕޯޓްކޮށްލި ސޮމާލިއާގެ ރެފްރީ އުމަރު އާތަންއެވެ. އޭނާ ވަނީ ޔޫއެފާގެ ފައިނަލް ކެޓަގަރީގެ މެޗެއްގައި ރެފްރީކަން ކުރި ޔޫރަޕުން ބޭރުގެ ފުރަތަމަ ރެފްރީގެ ޝަރަފު ހޯދާފައެވެ. އޭނާއަށް އެހީތެރިވުމުގައި ރޮނގު ބެލެހެއްޓީ އެފްރިކާ ބައްރުގެ ދެ އެސިސްޓެންޓް ރެފްރީންނެވެ. އެއީ ޖިބޫތީގެ ލިބާން އަބްދުލްރައްޒާގް އަހުމަދު އަދި ކެންޔާގެ ސްޓީފެން އެލީޒަރު އިއޮނިޔަންގޯ ޔިއެމްބޭއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު