ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ކެރީބިއަންގެ ގައުމެއް ކަމަށްވާ ހައިޓީގެ ގައުމީ ޓީމުގެ ޖާޒީ ބަދަލުކުރުމަށް ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ)އިން އަންގައިފިއެވެ.
ފީފާއިން މިގޮތަށް އެންގީ ހައިޓީގެ ޖާޒީގައި ހަނގުރާމަވެރި މަންޒަރެއް ދައްކުވައިދޭ ކުރެހުމެއް ހިމަނާފައިވާތީއެވެ. އެފަދަ ކުރެހުން ހުރުމަކީ ސިޔާސީ، ދީނީ ނުވަތަ ވަކި މަސްލަހަތެއްގެ ކުލަ ޖެހިފައިވާ އެއްޗަކަށް މުބާރާތްތަކުގައި ބޭނުންކުރާ ކިޓްތައް ވެގެން ނުވާނެ ކަމަށް ބުނާ ފީފާގެ ގަވާއިދާ ހިލާފު ކަމެކެވެ.
ހައިޓީގެ ޖާޒީގެ ތިރިން އަރިމަތީގައި ކުރަހާފައި ވަނީ އެ ގައުމުގެ ދިދައާ އެކު ބަޔަކު ހަރަކާތްތެރިވާ މަންޒަރެކެވެ. ބެލެވޭ ގޮތުގައި މިއީ 1903 ވަނަ އަހަރު ހައިޓީގެ މިނިވަންކަމަށް ޓަކައި ކުރި ވަރުގަދަ ހަނގުރާމައިގެ މަންޒަރެކެވެ. މި ޖާޒީ ފަރުމާކުރި ކޮލަމްބިއާގެ ސިއޭރާ ކުންފުނިން ބުނީ، އެ ކުރެހުމުން ރަމްޒުކޮށްދެނީ ގައުމުގެ ކުރިމަގަށް ޓަކައި ހައިޓީގެ ދެ ޖިންސުގެ ރައްޔިތުން ކޮންމެ ދުވަހަކު ކުރާ މަސައްކަތް ކަމަށެވެ. ނަމަވެސް ފީފާގެ އިންސްޕެކްޝަނަށް ފަހު ޖާޒީ ބަދަލުކުރަން އެންގުމުން، މިހާރު ޑިޒައިނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިއީ ހައިޓީން ވޯލްޑް ކަޕެއްގައި ވާދަކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމުން 1974 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ނަމަވެސް، ޕޮލެންޑާއި އިޓަލީ އަދި އާޖެންޓިނާ އަތުން ބަލިވެ، ގްރޫޕުގެ ފުލަށް ގޮސްގެން މުބާރާތުން ކަޓައިގެންދިޔައީއެވެ. ދުނިޔޭގައި އެންމެ ފުރަތަމަ މިނިވަންވި ކަޅު ނަސްލުގެ މީހުން ދިރިއުޅޭ ގައުމުގެ ގޮތުގައި ފާހަގަކުރެވޭ ހައިޓީއަކީ އަބަދުވެސް ދާހިލީ މައްސަލަތަކާއި ގޭންގް ކުށްތައް ގިނަ، އިގްތިސާދީ ގޮތުން ދަތި ގައުމެކެވެ.
ގައުމުގެ ހާލަތު ގޯސްވުމުގެ ސަބަބުން ހައިޓީއަށް ކޮލިފައިންގެ އެއްވެސް މެޗެއް އަމިއްލަ ދަނޑުގައި ކުޅެވޭ ގޮތެއް ނުވިއެވެ. އަދި ސަލާމަތީ ރައްކާތެރިކަމަށް ޓަކައި ޓީމުގެ ކޯޗު ވެސް ގައުމުގައި ދިރިނޫޅޭއިރު، އޭނާ މެޗުތައް ބަލައި ދިރާސާކުރީ ޓީވީ މެދުވެރިކޮށެވެ. މީގެ އިތުރުން، މުބާރާތް ބާއްވާ މައި ގައުމު ކަމަށްވާ އެމެރިކާއަށް އެތެރެވުން ވެސް ހައިޓީގެ ރައްޔިތުންނަށް އޮންނަނީ މަނާކޮށްފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ހައިޓީއާ އެކު ހިމެނެނީ ބްރެޒިލް، މޮރޮކޯ އަދި ސްކޮޓްލޭންޑެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.