މިރޭ ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ މެޗުތައް ހުޅުމާލޭގައި ދިރިއުޅޭ ސަޕޯޓަރުންނަށް ބަލައިލެވޭނެ ގޮތް ހެދުމަށްޓަކައި، އެ އަވަށުގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓައިފިއެވެ.
މިއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
އެޗްޑީސީން ބުނި ގޮތުގައި، މި އަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ވެސް މި ސްކްރީންތަކުން ވަގުތުން ދައްކާނެއެވެ. ބޮޑު ސްކްރީން މެދުވެރިކޮށް އާންމުންނަށް މެޗުތައް ބެލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ އިތުރުން، ފުރަތަމަ ފިޔަވަހީގެ ފްލެޓް 137ކައިރީގައި ހުންނަ ހެދިކާ ޓެންޓު ސަރަހައްދާއި، ވިނަރެސް ޓަވަރު 9ގެ ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރީގައެވެ.
މި އިންތިޒާމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށް ވެސް އަމާން އަދި އެހާމެ ފޯރިގަދަ މާހައުލެއްގައި، މުޅިން ހިލޭ މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ. މިރޭ މުބާރާތް ފެށުމަށް ތައްޔާރުވަމުންދާއިރު، އާންމުންގެ މެދުގައި މިކަމަށް އޮތް ޝައުގުވެރިކަމާއި ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.