މި މަހުގެ 11ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 19އިގެ ނިޔަލަށް ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026ގެ ހުރިހާ މެޗުތަކެއް މާލެ ޔޫތު ހަބުގައި ހިލޭ ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.
ސީއެޗްއެސްއީ ކައިރީގައި، ލިލީ މަގުގައި ހުންނަ ޔޫތު ހަބުގައި ކުރިއަށްދާ މި ހަރަކާތަކީ ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަމާއި އިޖުތިމާއީ ރޫހު އާލާކޮށް، ރައްކާތެރި އަދި ފޯރިގަދަ މާހައުލެއްގައި އާއިލާތަކާއި ޒުވާނުން އަދި ފުޓްބޯޅަ ސަޕޯޓަރުން އެއްތަނަކަށް ޖަމާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މެޗުތައް ބަލާލުމުގެ އިތުރުން، މި މުބާރާތް ކުރިއަށްދާ މުއްދަތުގައި ޔޫތު ހަބަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ކަންތައްތަކެއް ވަނީ ރާވާފައެވެ. އެގޮތުން ކާބޯތަކެތީގެ ސްޓޯލްތަކާއި އަމިއްލަ ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކާލުން ކުރިއަށްދާނެއެވެ. މީގެ އިތުރުން، ކޮކާކޯލާ މޯލްޑިވްސްގެ ފަރާތުން ފަސް ހަފުތާގެ މުއްދަތަށް ހިލޭ ބުއިންތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ޖޫން 12އިން ފެށިގެން ހަ ހުކުރު ދުވަހެއްގެ ހަވީރު ކުޑަކުދިންގެ ފެސްޓިވަލްތައް ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މެޗުތައް ފެށުމުގެ ކުރިންނާއި ހާފްޓައިމް ބްރޭކްތަކުގައި ސަޕޯޓަރުން ފޫހިފިލުވައިދިނުމަށްޓަކައި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންނާއި، ޒުވާން ލީޑަރުންގެ އިތުރުން މަޝްހޫރު ފަރާތްތަކުން ހުށަހަޅައިދޭ ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް މިތަނުން ފެނިގެންދާނެއެވެ.
މި ހަރަކާތުގެ ތެރެއިން ސަޕޯޓަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ ހަފުތާއަކު ބާއްވާ ގުރުއަތުލުމުން ހޮވޭ ފަރާތްތަކަށް ފީފާ ވޯލްޑް ކަޕުގެ ރަސްމީ ފުޓްބޯޅައަކާއި، ޔޫތު ހަބް ޖިމްގެ އެއް މަސް ދުވަހުގެ މެމްބަރޝިޕްގެ އިތުރުން ސްޕޮންސަރުންގެ އެކި ހަދިޔާތައް ލިބޭނެއެވެ. މީގެއިތުރުން، އޮންލައިންކޮށްނާއި ފޭން ޒޯންތަކުގައި ވީޑިއޯ ގޭމިންގ، މިނީ ގޯލް-ޝޫޓް ޗެލެންޖުތައް އަދި ކޮންމެ ދުވަހަކު ބާއްވާ ފުޓްބޯޅަ ކުއިޒް ފަދަ ތަފާތު މުބާރާތްތައް ކުރިއަށްދާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.