އަންނަ ސީޒަނުގެ އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތަޖިކިސްތާނުގެ ރެގާރު-ޓަޑާޒްއާ ދެކޮޅަށް ކުޅެން ޖެހިއްޖެއެވެ.
ވެސްޓް ރީޖަންގެ މި ޕްރިލިމިނަރީ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް މަހުގެ 11ވަނަ ދުވަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
މާޒިޔާއާ ދެކޮޅަށް ނުކުންނަ ރެގާރު-ޓަޑާޒް އަކީ ނިމިދިޔަ ސީޒަނުގެ ތަޖިކިސްތާނުގެ ކަޕް ޗެމްޕިއަނުންނެވެ. އަދި އެޓީމުން ވަނީ މިދިޔަ އަހަރުގެ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގައި ވެސް ވާދަކޮށްފައެވެ. އަނެއްކޮޅުން، ރާއްޖޭގެ މާޒިޔާއިން ވަނީ ނިމިގެންދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ހޯދައިފައެވެ. މިއީ އެޓީމުން ޖެހިޖެހިގެން ލީގު ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.
އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ ފަރާތުން މިހާތަނަށް ވާދަކޮށްފައިވާ ހަމައެކަނި ކުލަބަކީ މާޒިޔާއެވެ. އެގޮތުން 2024/25ވަނަ އަހަރުގެ ސީޒަނުގައި އެޓީމަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބުނު ނަމަވެސް، 2025/26 ވަނަ އަހަރުގެ ސީޒަނުގައި ޖެހުނީ ޕްރިލިމިނަރީ ބުރުގައި ކުޅޭށެވެ. ގައުމީ ދަނޑުގައި ކުޅުނު އެ މެޗުން ކުވެއިތުގެ އަލް އަރާބީ އަތުން 4-0 އިން ބަލިވެ، މާޒިޔާ އަށް ގްރޫޕް ސްޓޭޖުގެ ޖާގަ ވަނީ ގެއްލިފައެވެ.
އޭއެފްސީން ކުލަބު މުބާރާތްތަކުގެ ފޯމެޓަށް ގެނައި ބަދަލާ އެކު، ގައުމުތަކުގެ ލީގުތަކުގެ ރޭންކިންއަށް ބަލައި ރާއްޖެއަށް މިހާރު ލިބެނީ އެންމެ ޖާގައެކެވެ. އެއީ އޭޝިއާގެ ތިންވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޗެލެންޖް ލީގުންނެވެ. މީގެ ކުރިން އޭޝިއާގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުން ރާއްޖެއަށް ދެ ޖާގަ ލިބުނެވެ. އޭގެ ތެރޭގައި ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބޭއިރު، އެފްއޭ ކަޕްގެ ޗެމްޕިއަނުންނަށް ކޮލިފައިންގެ ޖާގައެއް ލިބެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.