ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އީރާނުގެ ސަޕޯޓަރުންނަށް ކެންސަލްވި ޓިކެޓްތައް ހޯދައިދިނުމަށް ފީފާއިން މަސައްކަތް ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

ކެނެޑާ، މެކްސިކޯ އަދި އެމެރިކާ ގުޅިގެން ބާއްވާ ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައި ވަނިކޮށް، އީރާނުގެ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ޓިކެޓްތައް ބާތިލްކުރުމާ ގުޅިގެން އެ ސަޕޯޓަރުންނަށް މެޗުތައް ބެލުމުގެ ފުރުސަތު ހޯދައިދިނުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން މަސައްކަތް ކުރަން ފަށައިފިއެވެ.

ދުރާލާ ދަތުރުތައް ރާވައި ތައްޔާރުވެފައިވާ ސަޕޯޓަރުންނަށް މި މައްސަލައިގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނި ގޮތުގައި ފީފާގެ ގަވާއިދުތައް ބުނާ ގޮތުން މުބާރާތުގައި ވާދަކުރާ ކޮންމެ ގައުމަކަށް ވެސް އެ ގައުމެއް ކުޅޭ މެޗުތަކުގެ ޓިކެޓްގެ އަށް އިންސައްތަ ސަޕޯޓަރުންނަށް ބެހުމަށް ލިބެންޖެހެއެވެ. ނަމަވެސް ޓިކެޓް ވިއްކަން ފެށި ފަހުން އެ ތަކެތި ބާތިލްކުރުމުން، މިހާރު ސަޕޯޓަރުންނަށް ޓިކެޓް ފޯރުކޮށްދެވެން ނެތް ކަމަށް އެ ފެޑެރޭޝަނުން ބުނެއެވެ. އަދި މިއީ ގާނޫނީ ގޮތުން ލިބެންޖެހޭ ހައްގަކުން މަހްރޫމްކުރުން ކަމަށާއި، މިއީ މުބާރާތަށް އެމެރިކާގެ ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ އިދާރާއިން ތުހުމަތު ކުރެއެވެ.

މި މައްސަލަ ދިމާވާން މެދުވެރިވީ އެމެރިކާގެ މާލީ ގަވާއިދުތަކާއި، ހާއްސަކޮށް އެ ގައުމުގެ "އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް"އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނާ ގުޅުންހުރި މާލީ މުއާމަލާތްތައް ހިންގުމަށް ހުރަސްތަކެއް ކުރިމަތިވުމުންނެވެ. މި މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ، އީރާނަށް ހާއްސަކުރި ޓިކެޓްތައް އަލުން އާންމުންނަށް ވިއްކަން ނެރޭނެއެވެ. މިކަމާ ގުޅިގެން ނޭޝަނަލް އިރާނިއަން އެމެރިކަން ކައުންސިލް (އެންއައިއޭސީ)އިން ވަނީ މިއީ "ދަށު ދަރަޖައިގެ، ބަދަލުހިފުމުގެ އަމަލެއް"ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

ބުރާސްފަތި ދުވަހު ފަށާ މި މުބާރާތުގައި އީރާނުން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15ގައި ލޮސްއެންޖެލިސްގައި ނުކުންނާނީ ނިއުޒީލެންޑާ ދެކޮޅަށެވެ. އަދި ޖޫން 21ގައި ލޮސްއެންޖެލިސްގައި ބެލްޖިއަމާ ދެކޮޅަށް ކުޅުމަށް ފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 26ގައި ސިއެޓްލްގައި އެ ގައުމު ނުކުންނާނީ މިސްރާ ދެކޮޅަށެވެ.

އެމެރިކާ އިސްވެ މެދުއިރުމަތީގައި ހިންގާ ހަމަނުޖެހުންތަކުގެ އަސަރު އީރާނުގެ ޓީމަށް ވެސް ވަނީ ފޯރައިފައެވެ. އެގޮތުން، އެމެރިކާއިން މަރުހަބާ ކިޔަން ބޭނުންނުވާ ކަމަށް ބުނުމުން، މެއި 25ގައި އީރާނުން ވަނީ އެމެރިކާގެ އެރިޒޯނާގައި އޮތް ކެމްޕު މެކްސިކޯގެ ޓިހުއާނާއަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، ލިބިފައިވާ ވިސާގެ ދަށުން އީރާނުގެ ޓީމަށް އެމެރިކާއަށް އެތެރެވޭނީ ހަމައެކަނި މެޗު އޮންނަ ދުވަހު ކަމަށާއި، މެޗު ނިމުމުން ވަގުތުން ފުރަންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ޓީމުގެ މުހިންމު 15އޮފިޝަލަކަށް އެމެރިކާއިން ވިސާ ނުދީ ހިފަހައްޓާފައިވާ ކަމަށް ވެސް އީރާނުން ތުހުމަތު ކުރެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު