ފެޔަނޫޑްގެ ކޯޗުކަމާ ހަވާލުވިތާ 18 މަސް ނުވަނީސް، މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލްގެ ކުރީގެ ތަރި ރޮބިން ފެން ޕާސީ އެ ކްލަބުން ވަކިކޮށްފިއެވެ.
ނެދަލެންޑްސްގެ ކްލަބުން ފެން ޕާސީ ކޯޗަކަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭނާގެ ދެ ސީޒަނުގައި އިރެޑިވިޒީގެ ތިންވަނަ އަދި ދެވަނަ މަގާމު އެ ޓީމަށް ހޯދައިދިން ނަމަވެސް، ކްލަބުގެ މެނޭޖްމަންޓުން ދުށީ އެއީ އެންމެ އެދެވޭ ނަތީޖާއެއް ނޫން ކަމަށެވެ.
ވެން ޕާސީ މަގާމުން ވަކިކުރިކަން އިއުލާންކުރީ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައެވެ. މިއީ ޖެނުއަރީ މަހު ލިވަޕޫލްގެ ކުރީގެ ވިންގަރ ރަހީމް ސްޓާލިންގް ހިލޭ ޓްރާންސްފާއެއްގައި ގެނައުމަށް އޭނާ ނެގި ރިސްކަށް ފަހުގައެވެ. އެ ނިންމުން ނާކާމިޔާބުވީ، ފެޔަނޫޑަށް ކުޅުނު ލީގގެ އަށް މެޗުގައި ސްޓާލިންގަށް އެއްވެސް ލަނޑެއް ނުޖެހި، ހަމައެކަނި އެސިސްޓެއް ހެދިފައިވާތީއެވެ.
ވެން ޕާސީ ވަނީ އޭނާގެ ޕްރޮފެޝަނަލް ކުޅުން ފެށި ފެޔަނޫޑްގައި ތިން ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައެވެ. 2004 ވަނަ އަހަރު އެ ކްލަބް ދޫކޮށް އޭނާ ބަދަލުވީ އާސެނަލް އަށެވެ. އޭގެ ފަހުން މެންޗެސްޓަރ ޔުނައިޓެޑާއި ފެނަރބާޗޭއަށް ކުޅުމަށް ފަހު، އެންމެ ފަހުން 2018 ވަނަ އަހަރު އަނބުރާ ފެޔަނޫޑަށް ބަދަލުވިއެވެ.
އެނބުރި ކްލަބާ ގުޅުނުތާ 18 މަސް ފަހުން 2019 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު، އޭނާ ހުރީ ޑިކް އެޑްވޮކާޓްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ސްޓާފުންގެ ތެރޭގައެވެ.
އޭނާގެ ފުރަތަމަ މެނޭޖަރީ މަގާމަކީ 2024 ވަނަ އަހަރު ހީރެންވީންގެ ކޯޗުކަމެވެ. ނަމަވެސް އެއީ ކުރު މުއްދަތެއްގެ މަސައްކަތެކެވެ. ފުރަތަމަ 26 މެޗުން ހޯދުނު އެންމެ ނުވަ މޮޅަށް ފަހު، އޭނާ އަނެއްކާ ވެސް ފެޔަނޫޑަށް ބަދަލުވިއެވެ.
އުމުރުން 42 އަހަރުގެ ވެން ޕާސީ ދެން ފަށާނީ އާ ފުރުސަތެއް ހޯދުމުގެ މަސައްކަތެވެ. އޭނާ ވަނީ މީގެ ކުރިން ކޯޗިން ލައިސަންސް ފުރިހަމަކުރަމުން ދިޔަ ދުވަސްވަރު މެންޗެސްޓަރ ޔުނައިޓެޑްގައި އެރިކް ޓެން ހާގްގެ ދަށުން ވަގުތުތަކެއް ހޭދަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.