ވޯލްޑް ކަޕްގައި ބްރެޒިލްގެ ކަނާތު ބެކަކަށް ކުޅޭނެ ކަމަށް ބެލެވުނު އޭއެސް ރޯމާގެ ޑިފެންޑަރު ވެސްލީ ފްރާންޝާއަށް އަނިޔާވެ މުބާރާތް ގެއްލުމުން، އޭނާގެ ބަދަލުގައި އެޓަލާންޓާގެ މިޑްފީލްޑަރު އެޑަސަން ބްރެޒިލްގެ ސްކޮޑަށް ނަގައިފިއެވެ.
އުމުރުން 22އަހަރުގެ ވެސްލީގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ ހޮނިހިރު ދުވަހު މިސްރާ ދެކޮޅަށް ކުޅެ 2-1އިން ބްރެޒިލް މޮޅުވި ރަހުމަތްތެރިކަމުގެ މެޗުގައެވެ. މެންޗެސްޓާ ޔުނައިޓެޑުން ވެސް ޝައުގުވެރިވާ ވެސްލީއަށް މި އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ބްރެޒިލުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ވެސްލީގެ ބަދަލުގައި ސްކޮޑުން ފުރުސަތު ދިން އުމުރުން 26އަހަރުގެ އެޑަސަން މިއަދުގެ ވަގުތެއްގައި ބްރެޒިލް ސްކޮޑާ ގުޅޭނެއެވެ. އެޑަސަންއަކީ ދާދި ފަހުން 47މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކާއި، އިތުރު 5މިލިއަން ޑޮލަރުގެ ބޯނަހަކާ އެކު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އެޓަލާންޓާއިން އެއްބަސްވެފައިވާ ކުޅުންތެރިއެކެވެ. އޭނާ ޔުނައިޓެޑާ އެކު ސޮއިކުރަން ހަމަޖެހިފައި ވަނީ 2030ގެ ނިޔަލަށެވެ. މީގެ އިތުރުން އެއް އަހަރު އިތުރުކުރުމުގެ ފުރުސަތު ވެސް އެއްބަސްވުމުގައި ހިމެނެއެވެ.
ގައުމީ ޓީމަށް މިހާތަނަށް ތިން މެޗު ކުޅެދީފައިވާ އެޑަސަން އެންމެ ފުރަތަމަ ބްރެޒިލް ސްކޮޑުގައި ހިމެނުނީ 2024ވަނަ އަހަރުގެ ކޮޕާ އެމެރިކާގައެވެ. މިއީ ވޭތުވެދިޔަ 20އަހަރު ތެރޭގައި، އަނިޔާގެ ސަބަބުން ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑަށް ބަދަލެއް ގެންނަން ޖެހުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މިފަދަ ބަދަލެއް ގެނައީ 2006ވަނަ އަހަރު ބާސެލޯނާގެ އެޑްމިލްސަން އަށް އަނިޔާވުމުން، އޭނާގެ ބަދަލުގައި ސައު ޕައުލޯގެ މިނެއިރޯ ސްކޮޑަށް ނެގި ފަހަރެވެ.
ބްރެޒިލް ޓީމަށް މިފަހަރު އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. ވެސްލީގެ އިތުރުން އެޑަ މިލިޓާއޯ، ރޮޑްރީގޯ އަދި އެސްޓަވާއޯއަށް ވެސް ވަނީ އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިފައެވެ. މީގެ އިތުރުން، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ނޭމާ ވެސް އަންނަނީ ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއިން ރިކަވާވުމަށް މަސައްކަތް ކުރަމުންނެވެ. އޭނާގެ ހާލަތު ދެނެގަތުމަށް މިއަދު އެމްއާރުއައި ސްކޭނެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅޭ ބްރެޒިލް ވަނީ ވޯލްޑް ކަޕްގެ ކުރިން ކުޅެން ހަމަޖެހިފައިވާ ރަހުމަތްތެރިކަމުގެ މެޗުތައް ނިންމާލައިފައެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސީގައި ބްރެޒިލް ވާދަކުރާނީ މޮރޮކޯ، ހައިޓީ އަދި ސްކޮޓްލެންޑާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.