އިންޑިއާގެ ގޯއާގައި ހުންނަ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ރޭ ކުޅުނު ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ބަންގްލަދޭޝް 3-1ގެ ނަތީޖާއަކުން ބަލިކޮށް، އިންޑިއާއިން ހަވަނަ ފަހަރަށް މި މުބާރާތުގެ ތަށި ކާމިޔާބުކޮށްފިއެވެ.
މިއީ ވޭތުވެދިޔަ ދެ ފަހަރުގެ ޗެމްޕިއަން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައި، ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޑިއާއިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މިހާތަނަށް އަށް ފަހަރު ބާއްވާފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ކުރީގެ ފަސް މުބާރާތް ވެސް ކާމިޔާބުކުރީ އިންޑިއާއިންނެވެ. އެގޮތުން 2010 ވަނަ އަހަރު މި މުބާރާތް ފެށި ފަހުން 2012، 2014، 2016 އަދި 2019 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށް އިންޑިއާއިން ވަނީ ޖެހިޖެހިގެން ފަސް ފަހަރު ތަށި ހޯދާފައެވެ. ނަމަވެސް އޭގެ ފަހުން 2022 އާއި 2024 ވަނަ އަހަރު ބޭއްވި މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝްއިންނެވެ.
ރޭގެ ފޯރިގަދަ ފައިނަލް މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ އިންޑިއާއިންނެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޕިޔާރީ ޒާޒާއެވެ. އެހެން ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބަންގްލަދޭޝްގެ ރީތޫ ޕޯރްނާ ޗަކްމާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްދިނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ސަންފިދާ ނޮންގްރަމް ވަނީ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް އިންޑިއާއަށް ލީޑު ހޯދައިދީފައެވެ. އަދި މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލިންޑާ ކޯމް ސެރްތޯ ވަނީ އިންޑިއާގެ ތިންވަނަ ލަނޑު ޖަހައި، އެ ގައުމަށް ތަށި ކަށަވަރުކޮށްދީފައެވެ.
ޖުމްލަ ހަ ގައުމަކުން ވާދަކުރި މި މުބާރާތް ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ގްރޫޕް ބީގައި ރާއްޖެ ހިމެނުނީ ފައިނަލުގައި ވާދަކުރި އިންޑިއާ އާއި ބަންގްލަދޭޝްއާ އެއް ގްރޫޕެއްގައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ރާއްޖެ ބަލިވި ނަމަވެސް، ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ގައުމީ ޓީމުން ވަނީ ތައުރީފު ހައްގު މޮޅު ކުޅުމެއް ދައްކާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.