އުރުދުންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދުމާ ގުޅިގެން، އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓް ކުރުމުގެ ގޮތުން ތާރީޚީ ނިންމުމެއް ނިންމައިފިއެވެ.
އުރުދުންގެ ސަރުކާރުން އިޢުލާން ކޮށްފައިވާ ގޮތުގައި، ގައުމީ ފުޓްބޯޅަ ޓީމު މެޗު ކުޅޭ ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ފަށާނީ ހެނދުނު 10:00ގައެވެ. މި ނިންމުން ނެރުއްވީ ބޮޑުވަޒީރު ޖައުފަރު ޙަސަންއެވެ. އަދި މި ނިންމުން ހިނގާނީ 2026ގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އުރުދުން މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ޖޫން 17، 23 އަދި 28ވަނަ ދުވަހަށެވެ.
މި އިރުޝާދުގެ ދަށުން، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް އާންމުކޮށް ފަށާ ގަޑިއަށް ވުރެ ދޮޅުގަޑިއިރު ލަސްކުރުމުގެ ބޭނުމަކީ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި އެ ގައުމުން ފުރަތަމަ ފަހަރަށް ވާދަކުރާއިރު، ރައްޔިތުންނަށް މެޗުތައް ބަލައި ގައުމީ ޓީމަށް ސަޕޯޓް ކުރުމުގެ ފުރުސަތު ދިނުމެވެ.
"މި ނިންމުމުގެ ބޭނުމަކީ މި ތާރީޚީ މުބާރާތުގައި އަޅުގަނޑުމެންގެ ގައުމީ ފުޓްބޯޅަ ޓީމު ކުރާ ދަތުރުގައި ރައްޔިތުންނަށް އެ ޓީމަށް ސަޕޯޓްކޮށް ހިތްވަރު ދިނުމުގެ ފުރުސަތު ފަހިކޮށްދިނުން،"ރަސްމީ ބަޔާނުގައި ވެއެވެ.
އާންމުކޮށް "އަލް-ނަޝާމާ ގެ ނަމުން މަޝްހޫރުވެފައިވާ އެ ގައުމުގެ ގައުމީ ޓީމު ވޯލްޑް ކަޕުން ފުރަތަމަ ފަހަރަށް ޖާގަ ހޯދީ އޭޝިއާގެ ކޮލިފައިންގައި ހޯދި ކާމިޔާބީއަށް ފަހުގައެވެ. މިއާ އެކު މުޅި ގައުމުގައި ބޮޑު އުފާފާޅުކުރުންތަކެއް ވަނީ ބާއްވާފައެވެ. އުރުދުން ހިމެނެނީ ގްރޫޕް ޖޭގައެވެ. އަދި މުބާރާތުގެ ފުރަތަމަ ބުރުގައި އެ ގައުމު ބައްދަލުކުރާނީ އޮސްޓްރިއާ، އަލްޖީރިއާ އަދި އާޖެންޓީނާއާއެވެ.
މަސައްކަތް ފަށާ ގަޑި ލަސްކުރުމުގެ ބޭނުމަކީ އާންމު އޮފީސް ގަޑިތަކާ ފުށުނާރާ ގޮތަށް ސަޕޯޓަރުންނަށް މެޗުތައް ބެލޭނެ މަގު ފަހިކޮށްދިނުމެވެ. އުރުދުންގެ ސަޕޯޓަރުން މި ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވާއިރު، މެޗުތައް ބަލަން އިތުރު ވަގުތު ލިބުމުން ގިނަ ބަޔަކު ދަނީ އުފާފާޅުކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ވެސް މި ތާރީޚީ ވޯލްޑް ކަޕާ މެދު ސަޕޯޓަރުން ތިބި ފޯރި ހާމަކޮށްދޭ މަޖާ ވީޑިއޯތަކާއި ޝުއޫރުތައް ދަނީ ދައުރުވަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.