ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގިނަ އަހަރުތަކަކަށްފަހު ކުޅުނު ފުރަތަމަ މެޗުން އުރުދުން އަތުން 3-1އިން މޮޅުވެ، އޮސްޓްރިއާއިން ތާރީޚީ ފެށުމެއް ހޯދައިފިއެވެ.
މިއީ ފާއިތުވި 28އަހަރުގެ ތެރޭގައި އޮސްޓްރިއާއިން ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗަށްވާއިރު، މިއީ ވޭތުވެދިޔަ 36އަހަރުގެ ތެރޭގައި އެ ގައުމުން މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. މި ކާމިޔާބީއާ އެކު އޮސްޓްރިއާ މިހާރު އޮތީ ގްރޫޕް ޖޭގެ ދެވަނައިގައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއެވެ.
އެމެރިކާގެ ސެން ފްރާންސިސްކޯ ބޭ އެރީނާ ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އުރުދުންގެ ކެޕްޓަން އެހްސާން ހައްދާދުއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ބޭރު ދާގަނޑަށެވެ. އޭގެ ފަހުން އުރުދުންގެ އޮޑެ ފަހޫރީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އޮސްޓްރިއާގެ ގޯލްކީޕަރު އަލެކްސެންޑަރ ޝްލާގާ ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އޮސްޓްރިއާއިންނެވެ. މި ލަނޑު މެޗުގެ 20ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮމާނޯ ޝްމިޑެވެ.
މިއީ ވޯލްޑް ކަޕުގައި އަލަށް ވާދަކުރާ އުރުދުން ޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީހެވެ. މެޗުގެ 50ވަނަ މިނެޓުގައި އުރުދުންއަށް ތާރީޚީ ފުރަތަމަ ލަނޑު ޖަހައިދިނީ އަލީ އޮލްވާނެވެ. އޭގެ ފަހުން މެޗުގެ 67ވަނަ މިނެޓުގައި އޮސްޓްރިއާއިން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ނިންމީ އެ ބޯޅަ ގޯލަށް ވަނުމުގެ ކުރިން އޮސްޓްރިއާގެ ސްޓެފަން ޕޮޝްގެ އަތުގައި ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ ލަނޑު ބަލައެއް ނުގަނެއެވެ.
އޮސްޓްއިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ 76ވަނަ މިނެޓުގައި އުރުދުންގެ ޔަޒާން އަލްއަރަބް އަތުން ބައިކޮށް ވަތް ގޯލަކުންނެވެ. މިއީ އޮސްޓްރިއާގެ މާސެލް ސަބިޓްޒާ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ބޮލުގައި ޖެހިފައި ވަތް ގޯލެކެވެ. އަދި މެޗުގެ އިތުރު ވަގުތުގެ 12ވަނަ މިނެޓުގައި އޮސްޓްރިއާގެ ތިންވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް މާކޯ އަނައުޓޮވިޗްއެވެ. މިއީ އުރުދުންގެ ސަލީމް އޮބައިދު އަތުގައި ބޯޅަ ޖެހުމުން ވީއޭއާރްގެ އެހީގައި ރެފްރީ ދިން ޕެނަލްޓީއެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.