ވޯލްޑްކަޕްގައި މިއަދު އުރުދުންއާ ދެކޮޅަށް ކުޅުނު މެޗް ފަހަތުން އަރައި 2-1އިން އަލްޖީރިއާ ކާމިޔާބުކޮށްފިއެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނާދިރު ބެންބުއާލީ މެޗުގެ 69ވަނަ މިނެޓުގައި ކޯނަރަކުން ބޮލުން ޖަހައި ނަތީޖާ އެއްވަރުކޮށްދިން އިރު، 82 ވަނަ މިނެޓުގައި އަމީން ގުއީރީ ކާމިޔާބުކޮށްދިން ލަނޑާއެކު މި މެޗަކީ އަލްޖީރިއާއަށް 2014 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.
ފުރަތަމަ ހާފުގައި ނިޒާރު އަލް ރާޝްދާން ކާމިޔާބުކޮށްދިން ލަނޑާއެކު އުރުދުން އިން ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި އަލްޖީރިއާއިން ކުރި ބާރުގަދަ ހަމަލާތައް އެޓީމަށް ހިފަހައްޓައެއް ނުލެވުނެވެ.
މިއީ ވޯލްޑް ކަޕް މެޗެއްގައި އިދިކޮޅު ޓީމުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ފަހަތުން އަރައި އަލްޖީރިއާ މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ ހާލަތްތަކުގައި އެޓީމު ވަނީ ހަތް މެޗުން ބަލިވެ، ދެ މެޗު އެއްވަރުވެފައެވެ.
ފުރަތަމަ މެޗުގައި އާޖެންޓީނާ އަތުން 3-0އިން ބަލިވި ނަމަވެސް، އަލްޖީރިއާ އިން މިވަނީ އަލުން މޮޅުވުމުގެ މަގަށް އެނބުރި އައިސްފައެވެ. އަދި އަންނަ ހޮނިހިރު ދުވަހު އޮސްޓްރިއާ އަތުން މޮޅުވެގެން ގްރޫޕް ޖޭ ގެ ދެވަނަ ހޯދައި، ނޮކްއައުޓް ބުރުގެ ޖާގައެއް ކަށަވަރު ކުރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.
ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވުމާ އެކު އުރުދުން ވަނީ ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ. ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން 3-1އިން ބަލިވި ނަމަވެސް، ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި އަލަށް ވާދަކުރި އުރުދުންއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ.
ރިޔާދު މަހްރޭޒް ނަގައިދިން ކޯނަރަކުން އޭރިއާ ތެރޭގައި ހުރި ބެންބުއާލީ ބޮލުން ޖަހައި، އުރުދުންގެ ކީޕަރު ޔަޒީދު އަބޫލައިލާ އަށް ސަލާމަތް ނުކުރެވޭނެހެން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައި ނަތީޖާ އެއްވަރުކުރި ހިސާބުން މެޗުގެ އޮއިވަރު މުޅިން ބަދަލުވެގެންދިޔައެވެ.
އަލްޖީރިއާ އިން ހަމަލާތައް ވަރުގަދަކޮށް ލީޑު ނެގީ، އޭރިއާ ތެރެއިން ގުއީރީ ފޮނުވާލި ބޯޅަ ކީޕަރު އަބޫލައިލާގެ ގައިގައި ޖެހިފައި ގޯލަށް ވަނުމުންނެވެ. މި ލަނޑާ އެކު ލީވައިސް ސްޓޭޑިއަމްގެ ގޯލު ފުރަގަހުގައި ތިބި އަލްޖީރިއާގެ ސަޕޯޓަރުންނާއެކު އެޓީމުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.