ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފްރެންޗް އޯޕަންގެ ފައިނަލަށް ޒުވަރޭވްއާއި ކޮބޯލީ ދަތުރުކޮށް ތާރީޚީ ކުރިމަތިލުމަކަށް ތައްޔާރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

މިއަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ފައިނަލުން ޖަރުމަނުގެ އެލެގްޒެންޑަރ ޒުވަރޭވް އާއި އިޓަލީގެ ފުލާވިއޯ ކޮބޯލީ ޖާގަ ހޯދައިފިއެވެ. 

 މިއަންނަ އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި ފައިނަލް މެޗަށް މި ދެ ކުޅުންތެރިން ނުކުންނައިރު، މިއީ ދެ ކުޅުންތެރިންނަށް ވެސް ތާރީޚީ ކާމިޔާބީއެއް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ޒުވަރޭވް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގައި ޗެކް ރިޕަބްލިކްގެ ޔަކޫބް މެންސިކްއާ ވާދަކޮށް 3-1ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 7-5އަދި 6-2އިން ޒުވަރޭވް ގެންދިޔަ ނަމަވެސް، ގްރޭން ސްލޭމް ސެމީއެއްގައި އަލަށް ކުޅުނު 26ވަނައަށް ސީޑު ކުރެވިފައިވާ މެންސިކް ވަނީ ތިންވަނަ ސެޓު 3-6އިން ކާމިޔާބުކޮށް ހިތްވަރު އާކޮށްފައެވެ. އެހެން ނަމަވެސް، ޒުވަރޭވް ވަނީ ހަތަރުވަނަ ސެޓު 6-3އިން ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.

ޒުވަރޭވްއާ ފައިނަލުގައި ވާދަކުރާ އިޓަލީގެ ކޮބޯލީއަށް ފައިނަލުގެ ޖާގަ ލިބުނީ ސެމީ ފައިނަލް މެޗު ފެށެން ކައިރިވެފައި ވަނިކޮށް، އޭނާއާ ދެކޮޅަށް ކުޅެން އޮތް އިޓަލީގެ މަޓިއޯ އާނާލްޑީއަށް ވައިރަހެއްގެ އަސަރުކޮށްގެން މެޗު ދޫކޮށްލުމުންނެވެ. މިއީ މުބާރާތުގައި 10ވަނައަށް ސީޑު ކުރެވިފައިވާ ކޮބޯލީ ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އޭޓީޕީގެ 26މުބާރާތެއްގެ އިތުރުން އޮލިމްޕިކް ރަން މެޑަލް ހޯދާފައިވާ ޒުވަރޭވްއަށް މިހާތަނަށް އެއްވެސް ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު އެއްވަނަ ސީޑު ޔަނިކް ސިނާއާއި ތަޖުރިބާކާރު ނޯވަކް ޖޯކޮވިޗް ފުރަތަމަ ހަފުތާގައި ކެޓުމާ އެކު، މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޒުވަރޭވްއެވެ.

އާދިއްތަ ދުވަހުގެ ފައިނަލް ކާމިޔާބު ކުރެވިއްޖެ ނަމަ، ޒުވަރޭވް ވެގެންދާނީ ފުރަތަމަ ފަހަރަށް ގްރޭން ސްލޭމްއެއް ކާމިޔާބުކުރާ ހަތްވަނައަށް އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އަދި މިއީ 1996ވަނަ އަހަރު ބޮރިސް ބެކަރ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރި ފަހުން ޖަރުމަނުގެ ފިރިހެން ކުޅުންތެރިއަކު ގްރޭން ސްލޭމްއެއް ކާމިޔާބުކުރާ ފުރަތަމަ ފަހަރަށް ވާނެއެވެ. ނަމަވެސް، ޒުވަރޭވް އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބަލިވެފައި ވަނީ އިޓަލީގެ ކުޅުންތެރިން އަތުންކަން ފާހަގަކޮށްލެވެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު