ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރޮޑްރީގެ މުސްތަގުބަލާ މެދު ވިސްނާނީ ވޯލްޑް ކަޕަށް ފަހު

ޝެއާ ކުރޭ Facebook Telegram Viber X

މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ، މި ހޫނު މޫސުމުގައި ރެއާލް މެޑްރިޑަށް ބަދަލުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، އޭނާގެ މުސްތަގުބަލާ މެދު ވިސްނާނީ ވޯލްޑް ކަޕަށް ފަހު ކަމަށް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ 12 މަސް ދުވަސް އޮތް ނަމަވެސް، މި ހަފުތާ ބަންދުގައި ބާއްވާ އިންތިޚާބުގައި ފްލޮރެންޓީނޯ ޕެރޭޒްއާ ވާދަކުރައްވާ ރެއާލްގެ ރައީސްކަމުގެ ކެންޑިޑޭޓް އެންރީކޭ ރީކޭލްމޭ ވަނީ އޭނާ ހޯދުމަށް ޝައުގުވެރިވާކަން ދާދި ފަހުން ހާމަކޮށްފައެވެ.

ނަމަވެސް، އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި ސްޕެއިން ކުރިއަށްދާ ގޮތް ނޫން އެހެން ކަމަކަށް ވިސްނަން ބޭނުންނުވާ ކަމަށް ރޮޑްރީ ބުންޏެވެ. އޭނާ ވަނީ މިދިޔަ ހަފުތާ ބަންދުގައި މެޑްރިޑްގައި ބޭއްވި ޕްރީ-ޓޯނަމަންޓް ޓްރެއިނިންގ ކޭމްޕުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާ ގުޅިފައެވެ.

"އަހަރެމެން މިތިބީ ވޯލްޑް ކަޕާ ބެހޭގޮތުން ވާހަކަދައްކަން. އަހަރެންގެ މުސްތަގުބަލާ ގުޅުން ހުރި ހުރިހާ ކަމެއްގައި ވެސް ވޯލްޑް ކަޕް ނިމެންދެން މަޑުކުރާނަން."ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުންޏެވެ.

"ކުޅުންތެރިއެއްގެ އެއްބަސްވުން ހަމަވާން ކައިރިވުމުން ތަފާތު ނަންތައް ދެކެވުމަކީ އާދައިގެ ކަމެއް. އެކަމަކު އަހަރެން ހުރީ ވަރަށް ހަމަޖެހިގެން. އަހަރެން ހުރި ހިސާބު އަހަންނަށް އެނގޭ. އަދި ވޯލްޑް ކަޕެއް ނެތް ނަމަ، ފަހަރުގައި ކަންތައްތައް މިހާރު ތަފާތުވީސް."

މީގެ ހަތް އަހަރު ކުރިން އެތުލެޓިކޯ މެޑްރިޑަށް އޭރުގެ ކްލަބް ރެކޯޑް އަގަކަށްވާ 62.8 މިލިއަން ޕައުންޑް ދައްކައިގެން ސިޓީއާ ގުޅުނު ފަހުން ރޮޑްރީ ވަނީ އެ ކްލަބަށް ގާތްގަނޑަކަށް 300 މެޗު ކުޅެދީފައެވެ.

އޭނާ ވަނީ ޕްރިމިއާ ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ. 2023 ވަނަ އަހަރުގެ ފައިނަލްގައި އިންޓަ މިލާން ބަލިކޮށް ސިޓީން ތަށި ހޯދި މެޗުގައި ހަމައެކަނި ލަނޑު ޖެހީ އޭނާއެވެ.

ސިޓީއާ އެކު ހޯދި ކާމިޔާބީތަކުގެ އިތުރުން ސްޕެއިނަށް ޔޫރޯ 2024 ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެދީގެން އޭނާ ވަނީ އެ އަހަރުގެ ބެލޮންޑޯ އެވޯޑް ހޯދައިފައެވެ. ނަމަވެސް، ސެޕްޓެމްބަރު 2024ގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއަށް ފަހު، ގިނަ އަނިޔާތަކަކާ ކުރިމަތިވެ، ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު