މިއީ އެންމެ ޓޮޕް ފްލައިޓްތަކުގައި ފުޓްބޯޅަ ކުޅުނު ،ކުޅުންތެރިންގެ "ޑްރީމް ޓީމެވެ". އެ ކުޅުންތެރިންގެ ކެރިއަރާއި މާލީ ހާލަތުގެ ފަހަތުގައިވާ ވާހަކަތައް ވެސް ހިމަނާފައިވާނެއެވެ.
މި ސްކޮޑުގައި ހައިރާންވާފަދަ ބޮޑެތި ނަންތައް ހިމެނެއެވެ. މި ކުޅުންތެރިންގެ އެންމެ މޮޅު ދުވަސްވަރުގައި ނަމަ، މިއީ ތައްޓަކަށް ވާދަކުރެވޭނެ ފަދަ ޓީމެކެވެ. ބަނގުރޫޓުވެފައިވާ އެއްވެސް ފުޓްބޯޅަ މެނޭޖަރެއްގެ މައުލޫމާތު ލިބިފައި ނުވާތީ، އެ ޝަރަފަށް އެންމެ ޙައްޤީ ޖޯން ބާންސްއެވެ.
ގޯލްކީޕަރު ޑޭވިޑް ޖޭމްސް: އިންގްލެންޑްގެ ކުރީގެ ގޯލްކީޕަރު އަމިއްލައަށް ބަނގުރޫޓުވެފައިވާ ކަމަށް ކޯޓަށް ހުށަހެޅީ ބޮޑު ހަރަދެއް ދިޔަ ވަރި އަކަށް ފަހު މޭ 2014 ގައެވެ. އޭނާގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަކުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލް، މެންޗެސްޓަރ ސިޓީ އަދި އެސްޓަން ވިލާ ފަދަ ކްލަބްތަކުގައެވެ. އޭގެ ފަހުން ކެރިއަރުގެ ފަހުކޮޅު އޭނާ ބަދަލުވީ އޭއެފްސީ ބޯންމައުތަށެވެ. އެއްދުވަސްވަރެއްގައި އަރްމާނީގެ މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް، އޭނާ މިހާރު މަސައްކަތް ކުރަނީ ބީޓީ ސްޕޯޓްގެ ޕަންޑިތެއްގެ ގޮތުގައެވެ.
ޑިފެންޑަރު/މިޑްފީލްޑަރު ކެލެސްޓައިން ބަބަރާޔޯ: އޮލިމްޕިކް ރަން މެޑަލް ހޯދާފައިވާ ނައިޖީރިއާގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ބަނގުރޫޓުވީ ޖެނުއަރީ 2011ގައެވެ. އޭނާއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގައި މުހިންމު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިއެކެވެ. އޭގެ ފަހުން އޭނާ ބަދަލުވީ ނިއުކާސަލް ޔުނައިޓެޑަށެވެ. ޖުލައި 2010ގައި އޭނާ ވަނީ ރަސްމީކޮށް ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާންކޮށްފައެވެ.
ޑިފެންޑަރު ޖޯން ރީއްސާ: ނޯވޭގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަދި ލިވަޕޫލާ އެކު 2005ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުޅުންތެރިޔާ، ނުދައްކާ ހުރި ގާތްގަނޑަކަށް 100,000 ޕައުންޑުގެ ދަރަންޏަކާ ގުޅިގެން އެޗްއެމް ރެވެނިއު އެންޑް ކަސްޓަމްސްއިން ބަނގުރޫޓުކުރީ މާޗް 2007 ގައެވެ. އެ ދުވަސްވަރު ލިވަޕޫލްގައި އޭނާއަށް ހަފުތާއަކު ގާތްގަނޑަކަށް 50,000 ޕައުންޑް ލިބޭ ކަމަށް ބެލެވުނުއިރު، އޭނާ ވަނީ ވަގުތުން ބަނގުރޫޓުވުމުގެ ނިންމުން ބާތިލްކޮށްފައެވެ. އޭނާ ފަހު 3 ސީޒަން ހޭދަކުރީ ފުލަމްގައެވެ. އަދި އެ ކްލަބް ފުޓްބޯލް ލީގު ޗެމްޕިއަންޝިޕަށް ރެލިގޭޓްވުމާ ގުޅިގެން އޭނާ ވަނީ ދޫކޮށްލައިފައެވެ.
ޑިފެންޑަރު ކޮލިން ހެންޑްރީ: ބްލެކްބާން ރޯވާސް އަދި ގްލާސްގޯ ރޭންޖާސްއާ އެކު އިނގިރޭސި އަދި ސްކޮޓިޝް ޕްރިމިއާ ލީގު ކާމިޔާބުކުރި ސްކޮޓްލޭންޑްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ، ޖޫން 2010 ގައި ދަރަނި ދޭ ފަރާތަކުން ބަނގުރޫޓުކުރީ 2 މިލިއަން ޕައުންޑަށް ވުރެ ގިނަ ދަރަންޏާ ހެދިއެވެ. ފުޓްބޯޅައިން ރިޓަޔާކުރުމަށް ފަހު އޭނާ ކޯޗިންގެ ދާއިރާއަށް ބަދަލުވިއިރު، ދާދި ފަހަކާ ޖެހެންދެން އޭނާ މަސައްކަތްކުރީ ބްލެކްބާން ރޯވާސްގެ ޒުވާން ޓީމުގައެވެ.
މިޑްފީލްޑަރު ލީ ހެންޑްރީ: އެޗްއެމް ރެވެނިއު އެންޑް ކަސްޓަމްސްއިން އެސްޓަން ވިލާ އަދި އިންގްލެންޑްގެ ކުރީގެ ކުޅުންތެރިޔާ ބަނގުރޫޓުކުރަން ހުށަހެޅީ، ރިއަލް އެސްޓޭޓް މާކެޓުގައި ކުރި ނާކާމިޔާބު އިންވެސްޓްމަންޓްތަކަކާ ގުޅިގެން ޖެނުއަރީ 2012ގައެވެ. ކެރިއަރުގެ އެންމެ ކުރީގައި އޭނާ ހަފުތާއަކު 30,000 ޕައުންޑް ހޯދިއެވެ.
މިޑްފީލްޑަރު އެރިކް ޖިމްބާ ޖިމްބާ: "އޭނާ މާ މޮޅުވުމުން ނަން ދެ ފަހަރު ތަކުރާރު ކުރެވުނު" ކަމަށް ބުނާ މި ކުޅުންތެރިޔާ، ސަރ އެލެކްސް މެންޗެސްޓަރ ޔުނައިޓެޑަށް ގެނައީ ރޯއީ ކީން ދޫކޮށްދިޔަ ހުސްތަން ފުރުމުގެ އުންމީދުގައެވެ. ނަމަވެސް އެކަން އެގޮތަކަށް ނުވިއެވެ. އަދި ކެމަރޫންގެ މި ކުޅުންތެރިޔާ އެސްޓަން ވިލާ އަދި ބާންލީ ހިމެނޭ ގޮތަށް ގިނަ ކްލަބްތަކަކަށް ކުޅުނެވެ. ޕްރިމިއާ ލީގުގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ދެމެހެއްޓުމަށް ޓަކައި ބޭކާރު ގޮތުގައި ކުރި ހަރަދުތަކާ ގުޅިގެން، ސެޕްޓެމްބަރު 2007ގައި އޭނާ ބަނގުރޫޓުވިއެވެ. ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއްދުވަސްވަރެއްގައި އޭނާގެ 10 ފޯ-ވީލް ކާރާއި 30 ބޭންކް އެކައުންޓް އޮތެވެ. އޭނާ 2014ގެ ކުރީކޮޅު ސެއިންޓް މިރެންއާ ގުޅުނު ނަމަވެސް، އެދެވޭ ކުޅުމެއް ނުދެއްކުމުން ދާދި ފަހުން ވަނީ ދޫކޮށްލާފައެވެ. ބްރެޒިލްގައި ބޭއްވި 2014ގެ ވޯލްޑް ކަޕަށް ދިޔަ ކެމަރޫން ސްކޮޑުން ވެސް އޭނާއަށް ޖާގައެއް ނުލިބުނެވެ.
މިޑްފީލްޑަރު ކެއިތު ގްލިސްޕީ: މެންޗެސްޓަރ ޔުނައިޓެޑްގައި އެއްދުވަސްވަރެއްގައި "އާ ޖޯޖް ބެސްޓް"ގެ ނަމުން މަޝްހޫރުވި ކީތު ގިލެސްޕީއަށް، އޭނާގެ މުޅި ކެރިއަރުގައި ލިބުނު ގާތްގަނޑަކަށް 7 މިލިއަން ޕައުންޑަށްވުރެ ގިނަ ފައިސާ ގެއްލުނީ ޖޫއު ކުޅުމުގެ އާދައިގެ ސަބަބުންނެވެ. މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލުމަށްފަހު ވެސް ނިއުކާސަލް ޔުނައިޓެޑް އަދި ބްލެކްބާން ރޯވާސްއާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން ދިޔަ ނަމަވެސް، އޮކްޓޫބަރު 2010ގައި އޭނާ އަމިއްލައަށް ބަނގުރޫޓުވެފައިވާ ކަމަށް ކޯޓަށް ހުށަހެޅިއެވެ. އޭގެ ފަހުން އޭނާ ވަނީ "ހައު ނޮޓް ޓު ބީ އޭ ފުޓްބޯލް މިލިއަނިއަރ ގެ ނަމުގައި އަމިއްލަ ހަޔާތުގެ ފޮތެއް ނެރެފައެވެ.
ފޯވާޑް ޖޯން ބާންސް: އިންގްލެންޑް އަދި ލިވަޕޫލްގެ ލެޖެންޑް، ޓްރެންމިއާ ރޯވާސްގެ މެނޭޖަރުކަމުން ވަކިކުރިތާ މާގިނަ ދުވަހެއް ނުވެ، "ޓެކްސްގެ އިހުމާލަކާ" ގުޅިގެން އެޗްއެމް ރެވެނިއު އެންޑް ކަސްޓަމްސްއިން ޖޯން ބާންސްބަނގުރޫޓުކުރިއެވެ. ނަމަވެސް، އޭނާގެ ވަކީލު ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ނިންމުން ބާތިލްކޮށްފައެވެ.
ފޯވާޑް ޖޭޝަން އެލް: ވިމްބަލްޑަން، ޗާލްޓަން އެތުލެޓިކް، މިޑްލްސްބަރާ، ސައުތެމްޕްޓަން އަދި ބްލެކްޕޫލް ފަދަ ކްލަބްތަކާ އެކު މަތީ ފަންތީގެ ފުޓްބޯޅައިގައި ކެރިއަރު ހޭދަކުރުމަށް ފަހު، އޭނާއަކީ ރިއަލް އެސްޓޭޓް މަކަރާއި ހީލަތުގެ ޝިކާރައަކަށްވި މީހެއް ކަމަށް ބުނެ ޖެނުއަރީ 2011ގައި އަމިއްލައަށް ބަނގުރޫޓުވެފައިވާ ކަމަށް ހުށަހެޅިއެވެ. ޖަމެއިކާގެ ކުރީގެ ގައުމީ ކުޅުންތެރިޔާ 2012ގައި އެނބުރި ގުޅުނީ އިނގެރޭސި ހަތަރުވަނަ ޑިވިޝަންގެ ވިމްބަލްޑަންއާއެވެ.
ފޯވާޑް ކަރލް ކޯޓް: މަރުހޫމް ސަރ ބޮބީ ރޮބްސަން، ޖުލައި 2000ގައި 7 މިލިއަން ޕައުންޑަށް ނިއުކާސަލް ޔުނައިޓެޑަށް ގެނައި މި ކުޅުންތެރިޔާއަށް ހަފުތާއަކު ގާތްގަނޑަކަށް 20,000 ޕައުންޑް ލިބޭ ކަމަށް ބެލެވުނެވެ. ނަމަވެސް، ބްރެންޓްފޯޑަށް ކުޅެމުން ދަނިކޮށް، ސެޕްޓެމްބަރު 2010ގައި ނެޓްވެސްޓުން ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ ބަނގުރޫޓުވެފައިވާ ކަމަށް ނިންމިއެވެ. 2012ގައި އޭނާ ބަދަލުވީ ނޯތު އެމެރިކަން ސޮކާ ލީގުގެ ޓެމްޕާ ބޭ ރައުޑީސްއަށެވެ.
ފޯވާޑް ކްރިސް ސަޓަން: ޖުލައި 1994 ގައި ނޮރިޗުން ބްލެކްބާން ރޯވާސްއަށް ބަދަލުވުމާ އެކު އޭނާ ވެގެންދިޔައީ އިނގިރޭސި ފުޓްބޯޅައިގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އަދި އެ ކްލަބާ އެކު އޭނާ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއެވެ. އޭގެ ފަހުން ޗެލްސީން އިންގްލެންޑްގެ މި ކުރީގެ ކުޅުންތެރިޔާ ސޮއިކުރުވީ 10 މިލިއަން ޕައުންޑަށެވެ. ލޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޖުލައި 2007 ގައި އޭނާއަށް މަޖުބޫރުވީ ފުޓްބޯޅައިން ރިޓަޔާކުރާށެވެ. "މަކަރާއި ހީލަތުގެ ތެރެއަށް އެތައް މިލިއަނެއްގެ ސަބަބުން" މޭ 2014 ގައި އޭނާ ބަނގުރޫޓުވެފައިވާ ކަމަށް ނިންމިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.