މެންޗެސްޓަރ ސިޓީގައި 10 އަހަރު ހޭދަކުރުމަށް ފަހު އެ ކްލަބް ދޫކޮށްލި ކަޓަލޯނިއާގެ ޕެޕް ގާޑިއޯލާ ޔޫއޭއީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ގެންދިޔުމަށް އެ ގައުމުން ވަރަށް ބޮޑަށް ޝައުޤުވެރިވާކަމަށް ޚަބަރުތައް ބުނެފިއެވެ.
ސްޕެއިންގެ "ސްޕޯޓް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫއޭއީ ފުޓްބޯލް އެސޯސިއޭޝަނުން ދަނީ އޭޝިއާއާއި ބައިނަލްއަގުވާމީ މައިދާނުގައި އެމިރޭޓްސްގެ ފުޓްބޯޅައިގެ ވާދަވެރިކަން މަތިކުރުމަށް ފަށާފައިވާ ބޮޑު މަޝްރޫއެއްގެ ދަށުން ގާޑިއޯލާ އައްޔަންކުރުމުގެ ފުރުސަތުތައް ދިރާސާކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން، ޒަމާނީ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް މެނޭޖަރުގެ ގޮތުގައި ބެލެވޭ ގާޑިއޯލާ ސިޓީ ދޫކޮށްލުމާ އެކު، ދުނިޔޭގެ އެކި ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކާއި ކްލަބްތަކުގެ ޝައުގުވެރިކަން ވެސް އޭނާއަށް ވަނީ ލިބިފައެވެ.
ގާޑިއޯލާ މެންޗެސްޓަރ ސިޓީ ދޫކޮށްލީ 10 އަހަރަށް ފަހުއެވެ. އެ މުއްދަތުގައި އޭނާ ވަނީ ކްލަބުގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ޕްރިމިއާ ލީގު ތަށިތަކާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، އިނގިރޭސިވިލާތާއި ޔޫރަޕްގެ ފުޓްބޯޅައިގައި އެ ކްލަބް ރަސްކަންކުރި ދުވަސްވަރެއް ބިނާކޮށްދީފައެވެ.
ސްޕެއިންގެ މީޑިއާތަކުން ބުނާގޮތުގައި، އިއްތިހާދު ސްޓޭޑިއަމްގައި ހޭދަކުރި ބުރަ 10 އަހަރަށް ފަހު، ގާޑިއޯލާ މިވަގުތު ވިސްނަމުންދަނީ ފުޓްބޯޅައިން އެއް އަހަރު ދުވަހުގެ ބްރޭކެއް ނެގުމަށެވެ.
ރިޕޯޓްތަކުގައި އިތުރަށް ބުނެފައި ވަނީ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ގާޑިއޯލާގެ ހާލަތު ބަލަމުންދާ ކަމަށާއި، އޭނާ ވަގުތުން ކޯޗުކަމަށް އެނބުރި އަންނަން ނިންމައިފިނަމަ ބޮޑު މާލީ ހުށަހެޅުމެއް ތައްޔާރުކޮށްފާނެ ކަމަށެވެ. މީގެ އިތުރުން މޮރޮކޯއާއި ޔޫރަޕްގެ ބައެއް ގައުމީ ޓީމުތަކުން ވެސް ދަނީ މިކަން ބަލަމުންނެވެ.
އިޓަލީގެ ޔުވެންޓަސްއާއި އޭސީ މިލާނުން ވެސް ތަޖުރިބާކާރު މެނޭޖަރެއްގެ ދަށުން ވާދަވެރި ޓީމެއް ބިނާކުރުމަށް ޓަކައި ގާޑިއޯލާއަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.