2025/2026ގެ ފުޓްބޯޅަ ސީޒަނުގައި އާސެނަލް ހޯދި ކާމިޔާބީ ފާހަގަކުރުމަށް މާދަމާ ކުޅުންތެރިންނާއި، ސްޓާފުން އަދި 500،000 އަށް ވުރެ ގިނަ ސަޕޯޓަރުން އުތުރު ލަންޑަނުގެ މަގުތަކަށް ތަށީގެ ޕެރޭޑަކަށް ނުކުންނާނެއެވެ.
މި ޕެރޭޑް ކުރިއަށްދާނީ އިސްލިންގޓަން ހުރަސްކޮށް ފަސް މޭލުގެ ބުރަކަށް ފަހު، އަލުން އެމިރޭޓްސް ސަރަހައްދަށް އެނބުރި އަންނަ ގޮތަށެވެ.
ގިނަ ފަހަރުތަކެއްގެ ނާކާމިޔާބީއަށް ފަހު، ގަނާސްއިން ތަށްޓަކަށް ކުރި އިންތިޒާރު ނިމުމަކަށް އައުމުން އުފާވެރި މަންޒަރުތަކެއް ފެނިގެންދާނެއެވެ. ނަމަވެސް، ތަށި އުފުލުމާއި، އުފާފާޅުކުރުންތަކަށް ފަހު، އާސެނަލްގެ ދިރިއުޅުން އާދައިގެ ހާލަތަށް ރުޖޫޢަވެ، އަންނަ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތްތައް ހަލުވިވެ، އަވަސް ވެގެންދާނެއެވެ.
މިކޭލް އާޓެޓާގެ ޓީމާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ވާދަވެރި ކްލަބްތަކުން މަސައްކަތް ކުރަމުންދާއިރު، އާސެނަލްއަށް ވެސް މަޑުން ތިބެވޭކަށް ނެތެވެ. މެންޗެސްޓަރ ސިޓީ، ޗެލްސީ އަދި ހޮނިހިރު ދުވަހު އާން ސްލޮޓް ވަކިކުރި ލިވަޕޫލް ވެސް އާ މެނޭޖަރުންގެ ދަށުން އާ ފެށުމަކަށް ދަނީ ތައްޔާރުވަމުންނެވެ.
އާޓެޓާ ޓީމުގެ ހުރިހާ މަގާމެއް ވަރުގަދަކުރަން މަސައްކަތް ކުރާއިރު، ބައެއް ކުޅުންތެރިން ޓީމު ދޫކޮށްދާނެ ކަމަށް ވެސް ބެލެވެއެވެ.
އާސެނަލްގެ ކުރީގެ ފޯވާޑް ތިއޯ ވޮލްކޮޓް ވަނީ މި ޓްރާންސްފަރ ބާޒާރުގައި އެސްޓަންވިލާގެ މޯގަން ރޮޖާސްއާއި އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ގެނައުމަށް ގަނާސްއަށް ޚިޔާލުދީފައެވެ. މި ދެ ނަމަކީ ގަނާސްއާ ގުޅުވައިގެން އެންމެ ގަދައަށް ވާހަކަ ދެކެވޭ ބޮޑެތި ނަންތަކެވެ. މިއިން ކޮންމެ ކުޅުންތެރިއެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 100 މިލިއަން ޕައުންޑުގައެވެ.
" އަހަރެން ދެކޭގޮތުގައި ކޮންމެކުޅުންތެރިއަކު ގެނައުމުގެ ގާބިލުކަން ވެސް އާސެނަލްގެ އެބަހުރި. އަލްވަރޭޒްއަކީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް، އެކަމަކު އަހަރެން ޔޮކަރޭސްއަށް ވެސް ސަޕޯޓްކުރަން. އެމީހުން އިތުރު ކުޅުންތެރިން ގެނެސް، ޓީމު ބިނާކޮށް ވަރުގަދަކުރާނެ. އަހަންނަށް ހީވަނީ އެމީހުންނަށް ގިނަ އަހަރުތަކެއް ވަންދެން ކުރިހޯދިދާނެހެން." ވޮލްކޮޓް ބުނެފައި ވެއެވެ.
ވޮލްކޮޓްގެ އިތުރުން ފުޓްބޯޅަ ދިރާސާކުރާ ކުރީގެ ގިނަ ކުޅުންތެރީން ވެސް ބުނެފައިވާ ގޮތުގައި އާސެނަލްއާ އަލަށް ގުޅޭ ކުޅުންތެރީންނާ އެކު އާސެނަލް ވާނީ ޔޫރަޕްގެ ވަރުގަދަ ބާރަކަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.