ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޮމަންވެލްތު ކުއާޓާއަށް ޝާޒްއާއި ދީނާ

ޝެއާ ކުރޭ Facebook Telegram Viber X

އިންޑިއާގެ އަޙްމަދުއާބާދުގައި މި މަހުގެ 7އިން 10އަށް ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕް 2026ގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ ހަސަން ޝާޒް މުޙައްމަދާއި ދީނާ އަޙްމަދު ދަތުރުކުރުމާއެކު، ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގެ އެ ހިސާބަށް ދިވެހި ކުޅުންތެރިން ފުރަތަމަ ފަހަރަށް ގޮސް ގައުމީ ތާރީޚުން ޖާގަ ހޯދައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން މައުލޫމާތު ދިން ގޮތުގައި، މިއީ ރާއްޖޭގެ ކިއު ސްޕޯޓްސް އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ފިރިހެން ބައިގައި ވާދަކުރި ޝާޒް ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން ކްރެއިގް ބްރޫވާގެ މައްޗަށް ކުރިހޯދައި މުޅި މުބާރާތުގެ ސަމާލުކަން އަތުލާފައެވެ. ކޮމަންވެލްތުގެ ގަދަބާރުތަކާ ދެކޮޅަށް ކުޅެ ކުއާޓާ ފައިނަލުން އޭނާ ބަލިވެ މުބާރާތާ އަލްވަދާޢު ކިޔަން ޖެހުނު ކަމުގައިވިޔަސް، ދުނިޔޭގެ ފެންވަރުގައި ޝާޒް ދެއްކި މޮޅު ހުނަރަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.

މީގެ އިތުރުން، އަންހެން ބައިން ވާދަކުރި ދީނާ ވަނީ ރާއްޖޭގެ އަންހެން ބިލިއާޑް ކުޅުންތެރިންގެ ތެރެއިން ބައިނަލްއަޤްވާމީ މެޗަކުން މޮޅުވި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުއާޓާ ފައިނަލާ ހަމައަށް ދީނާ ކުރި ކާމިޔާބު ދަތުރަކީ، ދިވެހިރާއްޖޭގައި އަންހެނުންގެ ކިއު ސްޕޯޓްސް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެއްކަމަށް އެމްޕީބީއޭއިން ވަނީ ސިފަކޮށްފައެވެ.

ދުނިޔޭގެ 42ގައުމަކުން 144ކުޅުންތެރިން (72އަންހެން އަދި 72ފިރިހެން)ވާދަކުރި މި މުބާރާތުގައި ޖުމްލަ ފަސް ކުޅިވަރެއް ކުޅެފައިވެއެވެ. އޭގެ ތެރޭގައި ސްނޫކަރ، 10ބޯލް ޕޫލް، އިންގްލިޝް ބިލިއާޑްސް، ބްލެކްބޯލް އަދި ހޭބޯލް ހިމެނެއެވެ. މި ތާރީޚީ ކާމިޔާބީއާ ގުޅިގެން އެމްޕީބީއޭއިން ވަނީ ޝާޒް އަދި ދީނާއަށް ހޫނު މަރުޙަބާއެއް ކިޔައި، މިއީ މުޅި ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ވަގުތުކޮޅެއްކަން ފާހަގަކޮށްފައެވެ. އަދި މުސްތަޤުބަލުގައި މިއަށް ވުރެ ފުރިހަމަ ކާމިޔާބީތަކެއް މި ކުޅުންތެރިން ހޯދާނެކަމުގެ އުއްމީދު އޮތްކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު