މާލޭ ޓެނިސް ކޯޓުގައި ފޯރިގަދަ ކުޅުމަކާއެކު ކުރިއަށްދިޔަ "ބޭސްވޯޓަރ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕް"ރޭ ނިމިގެންދިޔައިރު، މި މުބާރާތުގެ ފިރިހެން އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ޢަބްދުﷲ ފާއިހް ފަޒީލް އަދި ކިޔާރާ އުސާމާ ޢަލީ ހާސިލުކޮށްފިއެވެ.
ފިރިހެން ސިންގަލްސްގެ އެއްވަނަ މަގާމު ފާއިހް ކަށަވަރުކުރީ އިއްޔެ ކުޅެވުނު ފައިނަލްގައި ލޫތު އަޤްލީމް އަޙްމަދާ ކުރިމަތިލައި ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. އަދި އަންހެން ސިންގަލްސްގެ ތަށި ކިޔާރާ އުފުލާލާފައިވަނީ ހޮނިހިރު ދުވަހު އާއިޝަތު ކަރިން ސައިޒާންއާ ދެކޮޅަށް ކުޅުނު މެޗު ދޭއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ބޭސްވޯޓަރ މޯލްޑިވްސް ގުޅިގެން އިންތިޒާމުކުރި މި މުބާރާތް ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހުއެވެ. އެގާރަ ކެޓެގަރީއަކަށް ބަހާލައިގެން ސަތޭކަ ދިހަ ކުޅުންތެރިންގެ ބައިވެރިވުމާ އެކު ކުރިއަށްދިޔަ މި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މޮޅުވި ފަރާތްތަކަށް އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމެވެ.
މި މުބާރާތުގެ އެކި އުމުރުފުރާތަކުގެ ނަތީޖާއަށް ބަލާއިރު، ޖޫނިއަރ އޯޕަން ސިންގަލްސްގެ އެއްވަނަ އިބްރާހިމް ޒަފަޔާން މުޙައްމަދު ސަލާމްއާއި ކިޔާރާއަށް ލިބުނުއިރު، ބާރަ އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރައިން ނިޒާއީ އަދި ލަޔާރާ އުސާމާ ޢަލީއެވެ. މީގެ އިތުރުން ހަތް އަހަރުން ދަށުގެ ކެޓެގަރީ ކާމިޔާބުކުރީ ޖޫލިއަން ނާޝިޒް ބޮންޑައިއާއި އެމްބާ ޖުވެލް އަޙްމަދެވެ. މި މުބާރާތުގައި ސިންގަލްސްއާއި ޑަބަލްސްގެ އިތުރުން މިކްސްޑް ޑަބަލްސް އަދި ސާޅީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަ ބައިތައް ވެސް ވަނީ ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.