ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"ގަދަފަދަ ކުޅުންތެރިއަކު ބަލިކޮށް ތަށި ހޯދުމުން ލިބުނު އުފާވެރިކަން މާބޮޑު"

ޝެއާ ކުރޭ Facebook Telegram Viber X

މާލޭ ޓެނިސް ކޯޓުގައި ނިމިގެންދިޔަ ބޭޒްވޯޓަރ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ ސިންގަލްސް ޗެމްޕިއަންކަން ކާމިޔާބުކުރި ކިޔާރާ އުސާމާ ޢަލީ، ހުނަރުވެރި އަދި ބަލިކުރަން އުނދަގޫ ކުޅުންތެރިއަކާ ދެކޮޅަށް ކުޅެ މޮޅުވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމުގައި ފާހަގަކޮށްފިއެވެ.

މި މުބާރާތުގެ އަންހެނުންގެ ސިންގަލްސްގެ އިތުރުން ޖޫނިއަރ އޯޕަންބައިގެ ސިންގަލްސް ތަށިވެސް އުފުލާލީ ކިޔާރާއެވެ. އަންހެން ސިންގަލްސްގެ ފައިނަލްގައި އޭނާ ވާދަކުރީ އާއިޝަތު ކަރިން ސައިޒާންއާއެވެ. މި ފޯރިގަދަ ކުރިމަތިލުމުގެ ފުރަތަމަ ސެޓު 03-06އިން ކަރިން ކާމިޔާބުކޮށްފައި ވަނިކޮށް، ކިޔާރާ ވަނީ ފަހު ދެ ސެޓު 04-06އަދި 01-04އިން ކާމިޔާބުކޮށް، ފަހަތުން އަރައި މެޗުގެ ނަތީޖާ އޭނާގެ ކޮޅަށް އަނބުރާލާފައެވެ.

ޗެމްޕިއަންކަން ހޯދުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެމުން އުފާވެރިކަމާއެކު ކިޔާރާ ބުނީ، މިއީ ގިނަ ދުވަސްތަކެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ. ފައިނަލްގައި ވާދަކުރި ކަރިންއަކީ ވަރަށް މޮޅު ކުޅުންތެރިއެއްކަން ފާހަގަކުރަމުން އޭނާ ބުނީ، އެފަދަ ވާދަވެރި މެޗަކުން މޮޅުވެ ތަށި އުފުލާލަން ލިބުމަކީ މި ކާމިޔާބީގެ ފުރިހަމަކަން އިތުރުކޮށްދިން ކަމެއް ކަމުގައެވެ.

މިދިޔަ މަހުގެ 24އިން ފެށިގެން މި މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް މާލޭ ޓެނިސް ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 11ކެޓަގަރީއަކުން 110ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ސިންގަލްސް، ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި އުމުރުން 45އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަ ބައިތައް ހިމެނެއެވެ. 

ޓެނިސް އެސޯސިއޭޝަނާއި ބޭޒްވޯޓަރ މޯލްޑިވްސް ގުޅިގެން ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު