މާލޭ ޓެނިސް ކޯޓުގައި ނިމިގެންދިޔަ ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް އަދި ޑަބަލްސް ތަށި ކާމިޔާބުކުރުމަށް ފަހު، ރާއްޖޭގެ ޤައުމީ ޓެނިސް ކުޅުންތެރިޔާ ޢަބްދުﷲ ފާއިހް ފަޒީލް، ދިވެހިރާއްޖޭގައި މި ކުޅިވަރުގެ އުންމީދީ އަދި ހުނަރުވެރި ޒުވާން ޖީލެއް އުފެދެމުން އަންނަކަން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ފާއިހް ބުނީ، މިދިޔަ މަހުގެ 24އިން ފެށިގެން މި މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތަކީ ކުރިއަށް އޮތް ޑޭވިސް ކަޕަށް ވެވޭ ވަރަށް މުހިންމު ތައްޔާރީއެއް ކަމަށެވެ. އަދި މިހާރު ކޯޓުމަތިން ފެންނަ ޒުވާން ކުޅުންތެރިންގެ ކުޅުން ވަރަށް ބޮޑަށް ކުރިއަރާފައިވާއިރު، އެ ކުދިންގެ ހަލުވިކަމާއި ހަކަތައާ އެއްވަރަށް ކުޅުން ހިފެހެއްޓުމަކީ މިހާރު ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް އޭނާ ކިޔައިދިނެވެ. އަދި މިއީ ޓެނިހުގެ ކުރިމަގަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މުބާރާތުގެ ވާދަވެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވުނު ނަމަވެސް، ފިރިހެނުންގެ ސިންގަލްސް ފައިނަލްގައި ލޫޠު އަޤްލީމް އަހްމަދާ ވާދަކޮށް ފާއިހް ވަނީ ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް އޭނާ ކާމިޔާބުކުރީ 6-1އަދި 6-2އިންނެވެ. މީގެ އިތުރުން، އަޙްމަދު ސާއިޙް ވަހީދާއެކު ކުޅެ ފާއިހް ވަނީ ފިރިހެނުންގެ ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފައެވެ. މި ޕެއާއިން ތަށި އުފުލާލީ ފައިނަލްގައި ނޫހު ނާޒިހް އަދި ހުސެއިން ނާޒިފްގެ ޕެއާގެ މައްޗަށް ކުރިހޯދައިގެންނެވެ.
ޓެނިސް އެސޯސިއޭޝަނާއި ބޭޒްވޯޓާ މޯލްޑިވްސް ގުޅިގެން ބޭއްވި މި ފޯރިގަދަ މުބާރާތުގައި ގިނަ ކެޓަގަރީތަކެއްގެ ކުޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސްގެ އިތުރުން 45އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކުރެވިފައިވާ ބައިތައް ވެސް ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.