އެކަށީގެންވާ ފެންވަރުގެ ސްޓޭޑިއަމްތައް ނެތުމުގެ ސަބަބުން ބާރަ ޤައުމަކަށް އަމިއްލަ ފަސްގަނޑުގައި ކުޅުމުގެ ފުރުޞަތު ގެއްލިފައި ވަނިކޮށް، އަދި އެންމެ ފަހުގެ ޗެމްޕިއަންކަމާ މެދު އުފެދިފައިވާ ބޮޑު މައްސަލަ ކޯޓުގައި އޮއްވައި، އަންނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ކޮލިފައިން މެޗުތައް ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.
މުބާރާތުގެ ކޮލިފައިން ފެށޭއިރު، އެންމެ ފަހުން މޮރޮކޯގައި ނިމިގެންދިޔަ މުބާރާތުގެ ފައިނަލްގައި ހިނގައިދިޔަ ކަންތައްތަކަށް އަދިވެސް އޮތީ ޙައްލެއް ނުލިބިއެވެ. ފައިނަލް މެޗުގައި މޮރޮކޯގެ މައްޗަށް ކުރިހޯދައި ސެނެގޯލުން މޮޅުވަމުން ދަނިކޮށް، މެޗު ނިމެން ގާތްވެފައި ވަނިކޮށް އެ ޓީމުގެ ކުޅުންތެރިން އިހުތިޖާޖުކޮށް ދަނޑުން ފޭބުމުން ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކަފް)އިން ވަނީ ސެނެގޯލްގެ އަތުން ތަށި ނަގައި މޮރޮކޯއާ ޙަވާލުކޮށްފައެވެ. ސެނެގޯލުން މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)އަށް ހުށަހަޅާފައިވާއިރު، އޮކްޓޫބަރު މަހުގެ 8ވަނަ ދުވަހު މި މައްސަލައިގެ އަޑުއެހުންތައް ފަށާނެއެވެ.
އަންނަ އަހަރުގެ ޖޫން 19އިން ޖުލައި 17އަށް ކެންޔާ، ޔުގެންޑާ އަދި ޓެންޒޭނިއާ ގުޅިގެން ބާއްވާ 24ޓީމުގެ މުބާރާތަށް ޖާގަ ހޯދުމަށް ޖުމްލަ 48ޤައުމަކުން 12ގްރޫޕެއްގައި ވާދަކުރާނެއެވެ. މާޗު މަހުގެ ނިޔަލަށް ކުޅޭ މި ކޮލިފައިންގައި، މުބާރާތް ބާއްވާ ތިން ޤައުމުވެސް ވާދަކުރާއިރު އެ ގްރޫޕްތަކުން ފައިނަލް ބުރަށް އިތުރަށް ކޮލިފައިވާނީ އެންމެ ޓީމެކެވެ. އެހެން ގްރޫޕްތަކުން ގަދަ ދެ ޓީމަށް ފުރުޞަތު ލިބޭނެއެވެ.
ކަފްގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ދަނޑުތައް ނެތުމުގެ ސަބަބުން ލެސޯތޯ ހިމެނޭހެން 12ޤައުމަކުން މެޗުތައް ކުޅެން ޖެހޭނީ އެހެން ޤައުމުތަކުގައެވެ. އެގޮތުން ވޯލްޑް ކަޕްގައި ވިދާލި މޮރޮކޯއިން އަމިއްލަ ޤައުމުގައި ގެބޮންއާ ދެކޮޅަށް ކުޅުމަށްފަހު، މި މަހުގެ 29ވަނަ ދުވަހު ލެސޯތޯއާ ދެކޮޅަށް ނުކުންނާނީ ދެކުނު އެފްރިކާގެ ބްލޫމްފޮންޓެއިންގައެވެ.
2026ގެ ޑަކާ ޔޫތު އޮލިމްޕިކްސްގެ ތައްޔާރީތަކާ ގުޅިގެން ސެނެގޯލުން މޮސަމްބީކާ ދެކޮޅަށް ކުޅެން އޮތް ހޯމް މެޗު ވަނީ މަޕޫޓޯއަށް ބަދަލުކޮށްފައެވެ. އައު ކޯޗު ޕެޓްރިކް ވިއޭރާގެ ދަށުން ހުކުރު ދުވަހުގެރޭ ސެނެގޯލް ނުކުންނައިރު ސާޑިއޯ މާނޭ ފަދަ މުހިންމު ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ. މީގެ އިތުރުން ވޯލްޑް ކަޕްގައި ވާދަކުރި އެފްރިކާގެ 10ޤައުމުގެ ތެރެއިން ފުރަތަމަ ބުރުން ކެޓީ ހަމައެކަނި ޤައުމު ކަމަށްވާ ޓިއުނީޝިއާއިންވެސް ވަނީ އައު ކޯޗު މޮއިން ޝާބާނީއާއެކު ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޖެހިޖެހިގެން 18ވަނަ ފަހަރަށް މުބާރާތަށް ކޮލިފައިވުމުގެ އަމާޒުގައި އެ ޓީމު ބުރާސްފަތި ދުވަހު ނުކުންނާނީ ޔުގެންޑާއާ ދެކޮޅަށެވެ.
މި ހަފްތާގައި ކުޅޭ ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ގްރޫޕް ސީގައި ބުރާސްފަތި ދުވަހުގެރޭ އައިވަރީ ކޯސްޓާއި ގާނާގެ ކުރިމަތިލުމަކީ ފޯރިގަދަވާނެ ކަމަށް ބެލެވޭ މެޗެކެވެ. ހަމައެއާއެކު ހޮނިހިރު ދުވަހުގެރޭ ޖޮހަނަސްބާގުގައި ދެކުނު އެފްރިކާއިން ގިނީއާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް ދެ ޓީމަށް ނުހަނު މުހިންމު މެޗެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.