ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ޒިނެދީން ޒިދާން، އެ ޓީމުގައި މީގެކުރިން އަމަލުކުރަމުން އައި ބައެއް އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތަކުގެ ތެރެއިން، ކުޅުންތެރިން ޕްރެކްޓިހަށް އަންނަ ވަގުތު މީޑިއާއިން ދޭ ސަމާލުކަން އޭނާ ވަނީ ހުއްޓުވާފައެވެ. މީގެ އިތުރުން، ކުޅުންތެރިން ދަނޑަށް އަންނައިރު ބާއްވާ ފޮޓޯ ސެޝަންތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އާ ކޯޗު ވަނީ އަންގާފައެވެ.
ޒިދާން ބޭނުންވަނީ ކުޅުންތެރިން ޓްރޭނިން ކޭމްޕަށް ހާޒިރުވާ ވަގުތު އުފެދޭ "މީޑިއާ ސާކަސް"ނުވަތަ މީޑިއާގެ ހަލަބޮލިކަން ކުޑަކުރުމަށެވެ. މިދިޔަ އޯގަސްޓް މަހު ފްރާންސްގެ ކޯޗުކަމާ ހަވާލުވި ޒިދާން، އޭނާގެ ފުރަތަމަ ސްކޮޑު މި ހަފުތާގައި އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ކުޅުންތެރިންގެ މުޅި ސަމާލުކަން ހުންނަންވާނީ ހަމައެކަނި ފުޓްބޯޅައަށް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޒިދާން ބުނީ މިއީ އެއްވެސް މީހަކަށް ކަންކަން މަޑުޖައްސާލަން އަންގާ އެންގުމެއް ނޫން ކަމަށެވެ.
"އަހަރެމެން ބަދަލުކުރާނެ ކަމަކީ، އެތަނަށް ދިއުމަށް ފަހު އެގޮތަށް ބޮޑު 'ޝޯ' އެއް ދައްކާކަށް ނުޖެހޭނެކަން"
ޒިދާން ބުންޏެވެ.
ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުންތަކާއި މީޑިއާގެ އެހެނިހެން ސެޝަންތަކަށް ކުޅުންތެރިން ހާޒިރުވުމުގެ މުހިންމުކަން އޭނާ ހަނދާން ނައްތާނުލާ ކަމަށް ވެސް ބުންޏެވެ.
ޒިދާން ގަބޫލުކުރާ ގޮތުގައި ފްރާންސް ޓީމު މެނޭޖްކުރުމަކީ ހަމައެކަނި މެޗުތަކަށް ނުކުންނާނެ އެގާރަ ކުޅުންތެރިން ހޮވުމެއް ނޫނެވެ. އޭނާ ވަނީ ޓްރޭނިން ކޭމްޕުގެ މާހައުލާއި ސްކޮޑުގެ ވަށައިގެންވާ ކިތަންމެ ކުޑަ ތަފްސީލަކަށް ވެސް ހާއްސަ ސަމާލުކަމެއް ދޭނެކަން ހާމަކޮށްފައެވެ.
ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމުގައި 16އަހަރު ހޭދަކުރުމަށްފަހު، އެ ޓީމުގެ ކުރީގެ ލެޖެންޑް ޑިޑިއޭ ޑެޝޯމްޕް މަގާމުން ވަކިވީ މިދިޔަ ވޯލްޑް ކަޕަށް ފަހުއެވެ. މި މަގާމަށް އައުމުގެ އުއްމީދުގައި ޒިދާން ފަސް އަހަރު މަޑުކުރިއެވެ. އޭނާ މަގާމާ ހަވާލުވުމަށް ފަހު ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި ކްލަބްތަކުން ލިބުނު ހުށަހެޅުންތަކަށް އޭނާ ނޫނެކޭ ބުނީ ހަމައެކަނި ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށްޓަކައެވެ.
ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް އިއްޔެ ބާއްވާފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.