ކޮވިޑް- 19އިން ރައްކާތެރިވުމަށް ވެކްސިން ނުޖަހައި ހުރެ، ވެކްސިން ޖެހިކަމަށް ބުނެ އޮޅުވާލުމަށް ފޭކް ސެޓްފިކެޓެއް ބޭނުންކުރި މައްސަލައިގައި ސްވިޒަލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ގްރެނިޓް ޒަކާ ގައުމީ ޓީމުން ބާކީކޮށްފިއެވެ.
މި މައްސަލަ ސްވިޒަލެންޑްގެ އިދާރާތަކުން ތަހުގީގު ކުރަން ފެށުމާ އެކު، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ ގައުމީ ޓީމުން ބޭރުކުރީ ޒަކާއާ ވެސް މަޝްވަރާ ކުރުމަށްފަހުއެވެ.
އެކި ގައުމުތަކަށް ދަތުރުކުރުމުގައި ޒަކާ ބޭނުންކުރި ފޭކް ލިޔުމުގައި އޭނާގެ ޑޮކްޓަރު ވެސް ސޮއިކޮށްފައިވާއިރު، އޭގައިވާ ގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް އޭނާ ޖަހާފައި ވަނީ 25ޖެނުއަރީ 2022ގައެވެ. އަދި ދެވަނަ ޑޯޒް ޖަހާފައި ވަނީ 11ނޮވެމްބަރު 2022ގައެވެ. މި މައްސަލައިގައި ޒަކާ ވަނީ އޭނާ ފޭކް ލިޔުމެއް ބޭނުންކުރި ކަމަށް އެއްބަސްވެ، ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.
އެއީ އޭނާއަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް އެއްބަސްވަމުން ޒަކާ ބުނީ، އެ ވަގުތު އައި ޖަޒުބާތީ ހާލަތެއްގައި، ރަނގަޅު މަގުން ކަންކަން އޮޅުންފިލުވުމުގެ ބަދަލުގައި އެއީ އޭނާ ހޯދި ފޭކް ސެޓްފިކެޓެއް ކަމަށެވެ.
"މިއަދު އަހަންނަށް ވަރަށް ސާފުކޮށް އެނގޭ މިއީ ރަނގަޅު ގޮތް ނޫންކަން. މިއީ ހެދުނު ބޮޑު ގޯހެއް. އަހަރެން މައާފަށް އެދެން"
ޒަކާ ލިޔެފައިވެއެވެ.
ސްވިޒަލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޕީޓާ ކްނޭބަލް ވަނީ ޒަކާ އަމިއްލައަށް ކުށަށް އެއްބަސްވެ، ޒިންމާ ނެގުމުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. ކްނޭބަލް ވިދާޅުވީ އާދިއްތަ ދުވަހުގެ ހަވީރު ޒަކާ އެ އެސޯސިއޭޝަނަށް މިކަމުގެ މައުލޫމާތު ދީފައިވާ ކަމަށާއި، އޭނާގެ ނިންމުމަށް މަރުހަބާ ކިޔާ ނަމަވެސް، މިވަގުތު ޓީމުގެ މަސްލަހަތަށް އެންމެ ރަނގަޅީ އޭނާ ނުލައި ކުރިއަށް ދިއުން ކަމަށެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި އުތުރު މެސެޑޯނިއާ އަދި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗުތަކަށް ތައްޔާރުވުމަށް ސްވިޒަލެންޑް ޓީމު މިވަގުތު ތިބީ ތުރުކީގެ ބެލެކްގައެވެ. އެސޯސިއޭޝަނުން ބުނި ގޮތުގައި މި އިންޓަނޭޝަނަލް ބްރޭކަށް ފަހު ޒަކާގެ މައްސަލަ އެ އެސޯސިއޭޝަނުން އަލުން ބަލާނެއެވެ. ކުރިން އާސެނަލަށް ވެސް ކުޅުނު ޒަކާ މިހާރު ކުޅެމުންދަނީ ސަންޑަލޭންޑަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.