ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމަށް ފަހުގެ ތާރީޚެއްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާތީ، އެ ޓީމުގެ އިސް ކޯޗު ލުއިސް ޑިލަފުއެންޓޭގެ ކޮންޓްރެކްޓް އިތުރު ހަ އަހަރު ދުވަހަށް ދެމެހެއްޓުމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ.
މި އަހަރުގެ ނިޔަލަށް މުއްދަތު ހަމަވުމަށް ކައިރިވެފައި ވަނިކޮށް ފެޑަރޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން ފާސްކުރި މި އައު އެއްބަސްވުމުގެ ދަށުން، 2028ވަނަ އަހަރުގެ ޔޫރޯއާއި 2030ގެ ވޯލްޑްކަޕްގެ އިތުރުން 2032ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ނިޔަލަށް އޭނާ މަގާމުގައި ދެމިހުންނާނެއެވެ. މިއީ ސްޕެއިންގެ ފުޓްބޯޅައިގެ ހަޔާތުގައި ވެސް ގައުމީ ކޯޗަކަށް މިހާ ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ދިން ފުރަތަމަ ފަހަރެވެ.
މީޑިއާ ރިޕޯޓުތަކާ ހަވާލާދީ ރޮއިޓަރސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތާރީޚީ އެއްބަސްވުމާއެކު ޑިލަފުއެންޓޭގެ މުސާރައަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ގެނެސްދީފައެވެ. ގަތަރުގައި 2022ވަނަ އަހަރު އޮތް ވޯލްޑްކަޕްގައި ސްޕެއިންއަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ޓީމާ ހަވާލުވި ކޯޗުގެ އިރުޝާދުގެ ދަށުން، އެ ޓީމު ވަނީ ބަލިނުވެ 38މެޗު ހަމަކޮށް، އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.
މިހާތަނަށް ގައުމީ ޓީމަށް 50މެޗުގައި އިރުޝާދުދީފައިވާއިރު، އޭނާ ވަނީ 2023ވަނަ އަހަރުގެ ނޭޝަންސް ލީގާއި 2024ވަނަ އަހަރުގެ ޔޫރޯ ސްޕެއިންއަށް ކާމިޔާބުކޮށްދީފައެވެ. އަދި އޭނާގެ އަމާޒު މިހާރު ހުރީ ކުރިއަށް އޮތް 2026ވަނަ އަހަރުގެ ވޯލްޑްކަޕް ސްޕެއިންއަށް ހޯދައިދިނުމަށެވެ. އެތުލެޓިކޯ ބިލްބާއޯގެ ކުރީގެ ޑިފެންޑަރު 2013ވަނަ އަހަރު ކޯޗިންގެ ދާއިރާއަށް ނުކުމެ، ސީނިއާ ޓީމާ ހަވާލުވުމުގެ ކުރިން ވަނީ ސްޕެއިންގެ ޒުވާން ގައުމީ ޓީމުތަކާ އެކު ވެސް ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.