ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ 20ވަނަ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ލޯންގްކޯސް 400މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކޮށް، ރާއްޖޭގެ ފެތުންތެރިޔާ މުޙައްމަދު ރިހާން ޝިހާމް އޭނާގެ އަމިއްލަ ނަމުގައި ކުރިން އޮތް ޤައުމީ ރިކޯޑު މުގުރާލައި އައު ރިކޯޑެއް މިއަދު ޤާއިމުކޮށްފިއެވެ.
ފަސް މިނެޓާއި 6.92ސިކުންތުގެ ތެރޭގައި ރޭސް ނިންމައިގެން ރިހާން މި ޝަރަފު ހޯދިއިރު، މީގެ ކުރިން ވެސް މި އިވެންޓުގެ އެންމެ އަވަސް ވަގުތު ހޭދަކުރުމުގެ ޝަރަފު އޮތީ އޭނާއަށެވެ. އެގޮތުން، ސްކޮޓްލެންޑުގެ ގްލާސްގޯގައި ބޭއްވުނު 23ވަނަ ކޮމަންވެލްތު ގޭމްސްގައި އޭނާ ވަނީ ފަސް މިނެޓާއި 9.68ސިކުންތުން މި ރޭސް ފުރިހަމަކޮށްފައެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް 81މެމްބަރުންގެ މައްޗަށް އެކުލެވޭ ބޮޑު ޓީމެއް ވަނީ އެކުލަވާލާފައެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ހާމަކޮށްފައިވާ ގޮތުގައި، އޭޝިއާގެ 45ޤައުމަކުން ބައިވެރިވާ މި ބޮޑު ކުޅިވަރު ޢީދުގައި ދިވެހި އެތުލީޓުން ޖުމްލަ ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އޭގެ ތެރޭގައި ފެތުމާއި، އެތުލެޓިކްސްގެ އިތުރުން ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޝޫޓިން އަދި ސާފިން ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.