ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގައުމީ އެސިސްޓެންޓް ކޯޗަކަށް ސޮބާ

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް، ގައުމީ ޓީމުގެ ކުރީގެ އިތުބާރު ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހީމް (ސޮބާ)ހަމަޖައްސައިފިއެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ވިންޑޯގައި ރާއްޖޭން ކުޅޭ ތިން މެޗާއި، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ވެސް ގައުމީ ޓީމުގެ ހެޑް ކޯޗު އިސްތަވާން އުރުބާނީގެ އެންމެ އިސް އެހީތެރިޔަކަށް ހުންނާނީ އޭނާގެ އިރުޝާދުގެ ދަށުން ކުރިން ކުޅުނު ސޮބާ އެވެ. ސޮބާ އަކީ ގައުމީ ޓީމަށް 13އަހަރު ވަންދެން ކުޅެދީފައިވާ މުހިންމު ކުޅުންތެރިއެކެވެ.

ޗައިނާ، ކިރްގިސްތާން އަދި ލުބުނާނާ ދެކޮޅަށް ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ކުރިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް ކޯޗު އުރުބާނީ ބުނީ، އޭނާގެ އެސިސްޓެންޓަކަށް އޭނާ ކުރިން ކޯޗުކޮށްދިން ޖީލުގެ ކުޅުންތެރިއަކު ހަމަޖައްސައިދިނުމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް)ގެ ކިބައިން އެދުނު ކަމަށެވެ. އުރުބާނީ ރާއްޖޭގެ ކޯޗުކަމާ ފުރަތަމަ ހަވާލުވި އަހަރު ގައުމީ ޓީމުގެ ޑިފެންސްގައި ސޮބާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އުރުބާނީ ހާމަކުރި ގޮތުގައި ސޮބާ އެސިސްޓެންޓް ކޯޗަކަށް އިޚްތިޔާރުކުރި އެންމެ ބޮޑު ސަބަބަކީ އޭނާއަކީ ގިނައިން ސުވާލުކޮށް، ކޯޗަށް ވެސް ޗެލެންޖް ކުރާ ފަދަ ޝަޚްސިއްޔަތަކަށް ވުމެވެ. ސޮބާއާ އެކު މަސައްކަތް ފެށި ފަހުން ކޮންމެ ދުވަހަކު ތިނެއް ނުވަތަ ހަތަރު ގަޑިއިރު މަޝްވަރާ ކުރުމުގައި ހޭދަކުރާއިރު، އޭނާގެ ފަރާތުން ފެންނަނީ ވަރަށް ތަފާތު ސިފައެއް ކަމަށް އުރުބާނީ ފާހަގަކުރިއެވެ.

ސޮބާގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އުރުބާނީ ބުނީ އޭނާ އަބަދުވެސް ބޭނުންވަނީ ޗެލެންޖްތަކާ ކުރިމަތިލާން ކަމަށާއި، ސޮބާ އަކީ މެދުކެނޑުމެއް ނެތި އެފަދަ ޗެލެންޖްތައް ކުރިމަތިކުރުވާ މީހެއް ކަމަށެވެ.

"އޭނާ ދަނީ ސުވާލުކުރަމުން. އަހަންނާ ސުވާލުކޮށް އަހަރެން ޓެސްޓުކުރާ ކަހަލަ ގޮތަކަށް (އޭނާ ސުވާލު ކުރޭ). (އޭނާ އަހާނެ) "އޯކޭ ކީއްވެގެންހޭ ތިހެން ހީވަނީ؟"މިއީ އަސްލު ކަންކަން އޮންނަންޖެހޭނެ ގޮތަކީ"އުރުބާނީ ބުންޏެވެ.

މިއީގެ އިތުރުން، ޓީމުގެ ކުޅުންތެރިން ވެސް އޭނާއާ ސުވާލުކޮށް، ކަންކަން ކުރާ ސަބަބު އޮޅުންފިލުވުމަށް ހިތްވަރުދޭ ކަމަށް އުރުބާނީ ބުންޏެވެ. އޭނާ ބުނީ ކުޅުންތެރިން ގާތު ވަކި ކަމެއް ކުރަން ބުނުމުން އެކަމެއް ކުރަންޖެހޭ ސަބަބާ މެދު ސުވާލުކުރަން ޖެހޭނެ ކަމަށާއި، އެ ސުވާލަށް އޭނާއަށް ޖަވާބު ނުދެވިއްޖެ ނަމަ އެކަމެއް ނުކުރުމަށް ކުޅުންތެރިންނަށް މީގެ ކުރިން ވެސް ހަނދާންކޮށްދީފައިވާނެ ކަމަށެވެ. އޭނާ ބޭނުން ވަނީ ތަޖުރިބާ މަދު ޒުވާން ކުޅުންތެރިން އެގޮތުގައި ކުރިއަރައި ހެދިބޮޑުވާތަން ދެކުމަށެވެ.

ސޮބާ އެންމެ ފަހުން އަދާކުރީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމެވެ. ސާފް އަންހެން ޗެމްޕިއަންޝިޕްގައި ގައުމީ އަންހެން ޓީމާއެކު ސޮބާ ކުރި މަސައްކަތްތައް ވެސް ހެޑް ކޯޗު އުރުބާނީ ވަނީ ޚާއްސަ ގޮތެއްގައި ފާހަގަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު