ތައިލެންޑް ލީގުގައި ކުޅުނު މެޗެއްގެ ހާފްޓައިމްގައި ދަނޑުމަތީގައި ފަރިތަކުރަން ހުއްޓާ، ވިނަގަނޑު އެއްވަރުކުރަން ބޭނުންކުރާ ރޯލާ އުޅަނދަކުން ޖެހި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަންދްރޮސް ޓައުންސެންޑް ނުރައްކާތެރި ހާދިސާއަކުން ކިރިޔާ ސަލާމަތްވެއްޖެއެވެ.
އުމުރުން 35އަހަރުގެ ޓައުންސެންޑަށް މި ހާދިސާގައި ސީރިއަސް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ތައިލެންޑް ލީގުގެ ޕްރައުޗަޕް އަށް ކުޅެމުން އަންނަ ޓައުންސެންޑް، މެޗުގެ ހާފްޓައިމްގައި ވޯމްއަޕް ހަދަމުން ދަނިކޮށެވެ. ބޯޅަ ހޯދުމަށް އޭނާ ފަހަތަށް ޖެހުނު ވަގުތު، ފަހަތުން އައި އުޅަނދު ނުފެނި އޭގެ މައްޗަށް އޭނާ އެރިއެވެ. އެ ވަގުތު އޭނާގެ ފައިމަތިން އެ އުޅަނދު ދިޔަ ނަމަވެސް، އުނަގަނޑާ ހަމައަށް ދިއުމުގެ ކުރިން އުޅަނދު ދުއްވަން އިން ޑްރައިވަރު ވަނީ ބްރޭކް ޖަހައި އުޅަނދު ހުއްޓުވާފައެވެ.
މި އެކްސިޑެންޓަށް ފަހު ޓައުންސެންޑް ވަނީ ވަގުތުން ތެދުވެ އަލުން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. އަދި އޭނާގެ ޓީމު 3-0ގެ ނަތީޖާއަކުން މޮޅުވި މި މެޗުގެ ފަހުކޮޅުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ ކުޅެން ވެސް ނިކުމެފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކުލަބުތައް ކަމަށްވާ ޓޮޓެންހަމް ހޮޓްސްޕާސްއާއި އެވަޓަން ފަދަ ޓީމުތަކަށް ކުރިން ކުޅުނު ޓައުންސެންޑް ތައިލެންޑް ލީގަށް ބަދަލުވީ މިދިޔަ އަހަރުއެވެ. މީގެ އިތުރުން އޭނާ ވަނީ 2013އިން ފެށިގެން 2016ވަނަ އަހަރުގެ ނިޔަލަށް އިނގިރޭސި ގައުމީ ޓީމަށް 13މެޗު ކުޅެދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.