ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރާއްޖޭގެ އެތުލެޓިކްސް ކޮންޓިންޖެންޓް ޖަޕާނަށް ފުރައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޖަޕާނުގެ އައިޗީ-ނަގޯޔާ ސިޓީގައި ބާއްވާ 20ވަނަ އޭޝިއަން ގޭމްސްގައި ވާދަކޮށް ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ އަމާޒުގައި، ޤައުމީ އެތުލެޓިކްސް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން މެޑިކަލް ސްޓާފުން މިއަދުގެ ވަގުތެއްގައި އެ ޤައުމަށް ފުރައިފިއެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ނަގާފައިވާ ސްކޮޑުގައި ހިމެނެނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އިތުރުން، އިބާދުﷲ އާދަމް، އާދަމް ރިފްއަތު، ހަސަން ޒީކް ސައުދު، ޒުއިޒް މުޙައްމަދު ސުއާދު އަދި އިބްރާހީމް ނާހިލް ނިޒާރެވެ. މިއީ ތަޖުރިބާކާރު ދުވުންތެރިޔާ ސާއިދު އޭޝިއަން ގޭމްސްގެ ޓްރެކުގައި ދުވާނެ ފަސްވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ 100މީޓަރުގެ ދުވުމުގައި ސާއިދު އަދި އިބާދުﷲ ބައިވެރިވާއިރު، 200މީޓަރުގެ ރޭހުން ފެނިގެންދާނީ ނާހިލް އާއި ޒުއިޒް އެވެ. އަދި 400މީޓަރުގެ އިވެންޓުގައި ރިފްއަތާއި ޒީކް ވާދަކުރުމަށް ހަމަޖެހިފައިވާއިރު، 4ގުނަ 100މީޓަރު އަދި 4ގުނަ 400މީޓަރުގެ ރިލޭގައި ވެސް ދިވެހި ޓީމު ވާދަކުރާނެއެވެ.

އަންނަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބޮޑު ކުޅިވަރު އީދުގައި އޭޝިއާގެ 45ޤައުމަކުން އެތުލީޓުން ބައިވެރިވެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މައުލޫމާތު ދޭގޮތުގައި، ޖުމްލަ 81މެންބަރުންގެ މައްޗަށް އެކުލެވޭ ރާއްޖޭގެ ވަފުދުން މިފަހަރު 7ކުޅިވަރެއްގައި ވާދަކުރާނެއެވެ. އޭގެ ތެރޭގައި އެތުލެޓިކްސްގެ އިތުރުން ފެތުމާއި، ރާޅާއެޅުމާއި، ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ އަދި ޝޫޓިން ހިމެނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު