ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ 20ވަނަ އޭޝިއަން ގޭމްސްގެ ފުރަތަމަ ދުވަހު ކުޅުނު މެޗުތަކުގައި ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޓީމުތަކާ ވާދަކޮށް، ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ)ފިރިހެން އަދި އަންހެން ޓީމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
ގްރޫޕް ސީ ގައި ހިމެނޭ ރާއްޖޭގެ އަންހެން ޓީމު ނުކުތީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ސްކައި ހޯލް ޓޮޔޯޓާގައި ކުޅުނު މި މެޗުގެ ހުރިހާ ސެޓެއްގައިވެސް ކޮރެއާއިން ކުރިހޯދާފައިވާއިރު، ރާއްޖެ ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖެ ތަމްސީލުކުރީ ފާތިމަތު ދީމާ ޢަލީއާއި، އައިޝަތު ރަފާ ނާޒިމްގެ އިތުރުން މިޝްކާ މުޙައްމަދު އިބްރާހީމެވެ. އަނެއްކޮޅުން، ގްރޫޕް ބީ ގައި ވާދަކުރާ ފިރިހެން ޓީމު ވަނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޖަޕާނާ ދެކޮޅަށް ކުޅެ 3-0އިން ބަލިވެފައެވެ. ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ޖަޕާނާ ދެކޮޅަށް މޫސާ މުންސިފް އަޙްމަދާއި، މުޙައްމަދު ޝައްފާން އިސްމާޢީލް އަދި މުޙައްމަދު ޚަލަފް ރާފިޢު ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ލިބުމަކީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދިވެހި ކުޅުންތެރިން ސިފަކުރެއެވެ. މުބާރާތުގައި ދެން އަންހެން ޓީމު ވާދަކުރާނީ ކަޒަކިސްތާނާއެވެ. އަދި ފިރިހެން ޓީމު ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. މީގެ އިތުރުން، އަންހެން ޑަބަލްސް އިވެންޓުގައި ރަފާ އާއި ދީމާ އިންޑޮނޭޝިއާއާ ދެކޮޅަށް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޮކްޓޫބަރު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ އޭޝިއަން ގޭމްސްގައި އޭޝިއާގެ 45ޤައުމަކުން ބައިވެރިވެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއިން 81މެންބަރުންގެ ކޮންޓިންޖެންޓެއް މި ގޭމްސްގައި ބައިވެރިވާއިރު، ޓީޓީގެ އިތުރުން ފެތުމާއި، އެތުލެޓިކްސް، ސާފިން، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ އަދި ޝޫޓިން ފަދަ ހަތް ކުޅިވަރެއްގައި ދިވެހި އެތުލީޓުން ވާދަކުރާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.